ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރާ އުސޫލު އާންމުކޮށްފި

ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރާ މިންގަނޑު ބަޔާންކުރާ އުސޫލު މޯލްޑިވްސް މީޑިއާ ކައުންސިލް އިން އާންމުކޮށްފި އެވެ. މި އުސޫލު އާންމުކުރީ މިއަދު ދިވެހި ސަރ...

14 Jun 2021 | 10:06

ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރާ މިންގަނޑު ބަޔާންކުރާ އުސޫލު މޯލްޑިވްސް މީޑިއާ ކައުންސިލް އިން އާންމުކޮށްފި އެވެ. މި އުސޫލު އާންމުކުރީ މިއަދު ދިވެހި ސަރުކާރުގެ ގެޒެތްގައެވެ.

އުސޫލުގައި ބުނެފައި ވަނީ، ކުށްކުރުމުން ކުޑަކުދިން ރައްކައުތެރިކޮށް ދުރުހެލިކުރުވުމަށާއި، ތުހުމަތުގައިވާ ކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުވުމުގައްޔާއި، ތުހުމަތުގައިވާ ކުއްޖާ މުޖުތަމަޢަށް ހެޔޮގޮތުގައި އަހުލުވެރިކުރުވުމުގައި މީޑިއާގެ ވަސީލަތްތަކުން ބައިވެރިވާން ވާނެ ކަމަށެވެ. އަދި ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، ވަކިފަރާތަކަށް ނުޖެހި، އެ ފަންނުގެ އެންމެ މަތީ މިންގަނޑުތަކަށް، ޤާނޫނު ނަންބަރު 2019/18 ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ށ އާ އެއްގޮތްވާ ގޮތުގެ މަތީން މީޑިއާތަކުން ތަބާވާންވާނެ ކަމަށެވެ. އުސޫލުގައި ބުނެފައި ވަނީ ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީ، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތް ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ ނުވަތަ ދޭހަވާނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިޢުކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ، ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މަޢުލޫމާތު ރިޕޯޓުކުރާއިރު، އެއްވެސް މީހަކު، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށަކާއި ގުޅޭ މަޢުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ކުއްޖާއާމެދު ކުށެއްގެ ތުހުމަތުކުރެވ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއް ކަޑައްތުކޮށް މުޖުތަމަޢަށް ހެޔޮގޮތުގައި ކުއްޖާ އެނބުރި ރުޖޫޢަވުމާ ހަމައަށް ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަނުކުރުމަށާއި، ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މަޢުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެ މީޑިއާއަކުން ނެގުމަށް ނުވަތަ ނުފެންނަ ގޮތް ހެދުމަށް އެންގުމުގެ އިޚްތިޔާރު، މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިގެންވާ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

މީޑިއާ ކައުންސިލުން ބުނީ، މި އުސޫލާ ޚިލާފުވާ މީޑިއާއާމެދު، ޤާނޫނު ނަންބަރު 2008/15 މޯލްޑިވްސް މީޑިއާ

ކައުންސިލުގެ ޤާނޫނު އާއި، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް