އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ފާސް ކޮށްފި އެވެ
ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މި ދެ ބިލް ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް ނަމަވެސް ގެއެއް ހަމަޖައްސައި ދޭން ވާނެ ކަމަށް ދެ ބިލްގައި ވެސް ބުނެފައިވާތީ އެ އިބާރާތަށް ބަދަލެއް ގެނެސްފައިވެ އެވެ.
އެގޮތުން ކޮމިޓީން ވަނީ ގެއެއްގެ ބަދަލުގައި ދިރިއުޅުއްވާނެ ތަނެއް ހަމަަޖައްސައި ދޭން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އިބާރާތް އިސްލާހު ކޮށްފަ އެވެ. ކޮމިޓީ އެގޮތަށް އިބާރާތް އިސްލާހު ކުރީ ގެއެއް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފިނަމަ އެތަނަކީ ވަކިން ހުންނަން ޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުސަތު އޮންނާނެތީ އެވެ.
ދައުލަތުން އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
ވަކިވަކިން ހުށަހަޅާފައިވާ މި ދެ ބިލްގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނީ އެމްއެންޑީއެފުންނެވެ. އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިހާރު ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެނީ ސިފައިންނެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ ބިލްގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް