އިސްރާއިލް ދިފާއުކޮށް އެ ގައުމުގެ ސަލާމަތް ކަށަވަރުކުރުމުގައި އެމެރިކާއިން ދެމިއޮންނާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ،
ބައިޑެން މިހެން ވިދާޅުވީ ފޯނުން ގުޅުއްވައި އިސްރާއިލްގެ އައު ސަރުކާރަށް މަރުހަބާ ވިދާޅުވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ އާ ސަރުކާރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ރުހުން ދިނުމުން ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ދިގު ވެރިކަންވަނީ ނިމުމަކަށް އައިސްފައެވެ.
އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ނެގި ވޯޓުގައި އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ ސަރުކާރަށް 60 ވޯޓު ލިބުނެވެ. ދެކޮޅަށް ލިބިފައި ވަނީ 59 ވޯޓެވެ.
މި ސަރުކާރުގެ ފުރަތަމަ 2 އަހަރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވާނީ ނަތަންތާހޫގެ ސަރުކާރާރުގައި ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓެވެ. އޭގެ ފަހުން ދެން އެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ޔަޝް އަތީދު ޕާޓީގެ ޔައިލް ލަޕީދެވެ.
ޤާނޫނުހަދާ މަޖިލީހުން އައު ސަރުކާރަށް ރުހުން ދިނުމުން އެމެރިކާގެ ވައިޓު ހައުސުން ބުނީ ބެނެޓާ ފޯނުން ގުޅުއްވައި ރައީސް ބައިޑަން ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި އެމެރިކާއާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުންތައް ވަރުގަދަކޮށް މައްސަލަތަކާއި ފުރުޞަތުތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ބައިޑަން ވިދާޅުވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް