އެއާޕޯޓް ހިންގަން ބޭރު ބަޔަކަށް ދިނަސް، އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިންގުން ނުހިމެނޭނެ: ފައްޔާޒް

ރާއްޖޭގެ އެއާޕޯޓުތައް ބޭރު ކުންފުނިތަކަށް ހިންގަން ދިނަސް އޭގެ ތެރޭގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިންގުން ނުހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. ސަރުކާރުން އިއް...

14 Jun 2021 | 08:01

ރާއްޖޭގެ އެއާޕޯޓުތައް ބޭރު ކުންފުނިތަކަށް ހިންގަން ދިނަސް އޭގެ ތެރޭގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިންގުން ނުހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިއްޔެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި އިސްލާހުގައި ބުނެފައިވަނީ 100 ޕަސެންޓު ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގުމުގެ ހުއްދަ50 އަހަރަށް ދެވޭނެ ކަމަށެވެ. މި އިސްލާހާއި އެކު ސަރުކާރަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި އެވެ.

މި ފާޑު ކިޔުންތަކާއި ގުޅިގެން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮރިން އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގައި ލިޔެފައިވާ ގޮތުން އޮޅުން އަރާތީ އެކަން ބަދަލުކޮށް އެކަން އޮތް ގޮތް ސާފުކޮށްދޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދިވެހި ކުންފުންޏަކާއި ރާއްޖޭގެ އެއާޕޯޓެއް ހިންގަން ހަވާލު ކުރިޔަސް އެއާ ޓްރެފިކް ކޮންޓްރޯލް ކުރާނީ ދައުލަތުން ކަމަށެވެ.

އެކަން އިތުރަށް ސާފުކޮށްދެމުން މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަމުން ދަނީ ބޭރުން ލޯނު ނަގައިގެން ބޭރު ބަޔަކާއި ހަވާލުކޮށްގެން ކަމަށެވެ. އެކަމަކު އެ އެއާޕޯޓު މެނޭޖް ކޮށް އޮޕަރޭޝަންގެ ކަންކަން ކުރިޔަށް ގެންދާނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

https://twitter.com/faya_i/status/1404337018646056961

އިއްޔެ އާންމު ކުރި ޕޮލިސީގެ ދަށުން  ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން ރާއްހޭގައި އެއާޕޯޓު ހިންގަން ބޭނުންވާ ޖެހެނީ ނަމަ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާށެވެ. އިއްޔެ ގެޒެޓްކުރި އިސްލާހުގައި ބުނެފައި ވަނީ، އެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި ގްރައންޑް ސާވިސް ހިދުމަތް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި އިސްލާހާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓްތައް ހިންގަން ބޭރު ބަޔަކާ ހަވާލުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް