އިސްރާއީލްގެ ވެރިކަން ބަދަލު ކުރުމަށް އެ ގައުމުގެ ކަނީސަތުގައި ނަގި ވޯޓު ހަނި ތަފާތަކުން އިދިކޮޅު ކޯލިޝަން ކާމިޔާބު ކޮށްފި އެވެ.
ކަނީސަތުގައި ނެގި ވޯޓު އިދިކޮޅުން ކާމިޔާބު ކުރީ 60-59 ވޯޓުންނެވެ.
ވެރިކަން ލިބުމާއި އެކު އިސްރާއީލްގެ ބޮޑުވަޒީރު ކަމުގެ ހުވާ އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ނަފްތާލީ ބެނެޓް ވަނީ ކުރައްވާފައި އެވެ. ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ބެނެޓް ވިދާޅުވީ ކޯލިޝަންގެ ވެރިކަމުގައި އިސްކަން ދޭނީ ތައުލީމާއި ސިއްހަތާއި އެނޫންވެސް އިސްރާއީލް ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންވާ ކަންކަމަށް ކަމަށެވެ.
ކޯލިޝަންގެ އެއްބަސްވުމުގައި ވާގޮތުން ބެނެޓް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާނީ ދެ އަހަރު އެވެ. އޭނާގެ ވެރިކަން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިމުމަކަށް އަންނާނެ އެވެ.
އަނެއް ދެ އަހަރު ބޮޑުވަޒީރު ކަމުގައި ހުންނަވާނީ އިދިކޮޅު ކޯލިޝަންގެ އަނެއް ލީޑަރު ޔައީރް ލެޕިޑް އެވެ.
ވެރިކަން ގެއްލުމާއި އެކު އަނިޔާވެރި ނަތަންޔާހޫ ބުނީ އޭނާ އިދިކޮޅު ވެރިއެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެނބުރި އިސްރާއީލްގެ ވެރިކަމަށް އަންނާނެ ކަމަށް ބުންޏެވެ.
އިސްރާއީލްގައި މިހާތަނަށް އެންމެ ގިނަ ދުވަހު ވެރިކަން ކުރި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނެސްފައި މިވަނީ 12 އަހަރު ފަހުންނެވެ. އިދިކޮޅުން އެއްގަލަކަށް އަރައި ކޯލިޝަން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ނަތަންޔޫގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިދިކޮޅުން ކޯލިޝަން ހަދައިގެން ވެރިކަމަށް އަޔަސް އެއީ ވަރަށް ހިޔާލަތު ތަފާތު އަށް ޕާޓީކަމަށްވެ އެވެ. އަދި ހަތަރު އަހަރުގެ ވެރިކަމުގެ ދައުރު ނިމެންދެން އެ ކޯލިޝަނަށް ވެރިކަމުގައި އޮވެވިދާނެ ކަމަކަށްވެސް ނުބެލެވެ އެވެ.
އޭގެ ތެރެއިން ބައެއް ޕާޓީތަކަކީ، ހިފާފައިވާ ބިންތަކުން ގަދަކަމުން ފަލަސްތީނު މީހުން ބޭރުކޮށް، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ބާރުއަޅާ ގޮވާލަމުންދާ ޕާޓީތަކެވެ. އަނެއް ޕާޓީތަކަކީ، ފަލަސްތީނު މީހުންގެ ވެސް ދައުލަތަކާ އެކު އިޒްރޭލުގެ ދައުލަތް ދެމި އޮތުމަށް ވަކާލާތުކުރާ ޕާޓީތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް