ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ ބެހޭ މަޝްވަރާތައް ކުރެވެމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މީޑިއާގައި ވިދާޅުވީ، ލުއި ދިނުމާ ބެހޭގޮތުން ޕޮލިސީ ލެވެލްގައި މިހާރު މަޝްވަރާތައް ކުރެވެމުން ދާ ކަމަށެވެ. އެ މައުލޫމާތު، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)ގެ ފަރާތުން ހަވީރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާނު ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ،
ފިޔަވަޅުތަކަށް ދެވޭނެ ލުއިތަކާބެހޭ މަޝްވަރާތައް ކުރިއަށް ދާކަމަށް އާދީއްތަ ދުވަހުގެ ހަވީރު އޮތް އެޗްއީއޯސީ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ. އަދި އެޗްއީއޯސީ ގެ ވިސްނުމަކީ ރައްކާތެރިކަމާއެކު ދޫ ދެވެން އޮތް އެންމެ ބޮޑަކަށް ދޫ ދެމުން ދިޔުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެންމެ ބޮޑެތި ލުއިތަށް ދެވުނު އިރު، ބަލިމަޑުކަމުގެ ހާލަތު އޮތް މިންވަރަށް ރާއްޖޭގެ ހާލަތު ރަނގަޅު ވެފައި ވާކަމަށް ސިއްހީ މާހިރުން އަދި ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ލުއިތައް ވެގެންދާނީ ހާލަތަށް ރިއާޔަތް ކުރުމާއެކު ދެވިގެންދާ ލުއިތަކަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 ކޮންޓްލޯލް ކުރުމަށް އެޅިފައިވާ ވަރުގަދަ ފިޔަވަޅުތަކާއެކު އަދަދުތައް ވަނީ ބޮޑުތަނުން ދައްވެފައެވެ. މަސް ފެށުނު އިރު އަދަދުތައް ހާހުން މަތީގައި އުޅުނު ނަމަވެސް މިހާރު ވަނީ ހާހުން ދަށަށް ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް