ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އެއާޕޯޓު ހިންގޭ ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ!

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އެއާޕޯޓު ހިންގޭ ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ސިފައިންގޭގައި 33 އަހަރު ވަންދެން ހިދުމަތް ކުރެއްވި، ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ހިތަދޫ މެދު ދާއިރ...

14 Jun 2021 | 05:07

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އެއާޕޯޓު ހިންގޭ ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ސިފައިންގޭގައި 33 އަހަރު ވަންދެން ހިދުމަތް ކުރެއްވި، ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ،

އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވީ، ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ސަރުކާރުން އިއްޔެ އިސްލާހު ގެނައުމާއެކު ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އޭނާ ކުރެއްވި ޓުވީޓުގައި ވަނީ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް އިސްލާހު ގެނައިރު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް މިކަން އެނގިވަޑައިގަންނަވާތޯ ވެސް ދީދީ އެއްސެވި އެވެ.

"އަޅުގަނޑުމެންގެ ގާނޫނުއަސާސީގެ 237 ވަނަ މާއްދާ ވަޅުލީތޯ؟ ކޮބައިތޯ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް؟،" ދީދީ ކަންބޮޑުވުމާއެކު، ގައުމީ ސަލާމަތީ ބާރުތަކުގެ އިސްވެރިންނާ ސުވާލު ކުރެއްވި އެވެ.

ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ އެފްޑީއައި އަށް އިސްލާހު ގެނެސްފަ އެވެ ނަމަވެސް ކުރިން އޮތް ގޮތަށް އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ އެވެ. މި އިސްލާހުގައިވާ ގޮތުން ނަމަ، އެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި ގްރައންޑް ސާވިސް ހިދުމަތް ވެސް ފޯރުކޮށްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް