ބޮލީވުޑްގެ ބަތަލާ ދިޝާ ޕަޓާނީއަށް އިއްޔެ 29 އަހަރު ވެފައިވާއިރު އޭނާއަށް ފުރުނު އަރާއި މެދު ސުވާލު އުފެދިއްޖެ އެވެ.
ގޫގުލްގައި ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ ދިޝާ އުފަންވެފައިވަނީ 1992 ވަނަ އަހަރުގެ ޖޫން 13 ވަނަ ދުވަހު ކަމަށެވެ. އެހެން ކަމަށް ވާނަމަ އޭނާއަށް އިއްޔެ ފުރިފައިވަނީ 29 އަހަރެވެ.
އެކަމަކު ދިޝާގެ އުފަންދުވަސް ފާހަގަ ކުރުމަށް ލޯބިވެރިޔާ ކަމަށް އޮޑުފެތުރިފައި އޮންނަ ޓައިގާ ޝްރޮފް ގޭގައި ބޭއްވި ކުޑަ ޕާޓީން އެންމެންނަށް އޭނާގެ އުމުރު އޮޅިއްޖެ އެވެ. ދިޝާ އާންމު ކޮށްފައިވާ ފޮޓޯތަކުން 28 އަޅާފައިވާ ބޮޑު ފުއްޕާހަން ކައިރީގައި އޭނާ ފޮޓޯ ނަގާފައި ހުއްޓެވެ.
އެހެން ކަމުން އިއްޔެ ފާހަގަ ކުރީ ދިޝާގެ 28 ވަނަ އުފަންދުވަސް ކަމަށް ގަބޫލް ކުރަން ޖެހެ އެވެ. އަދި ގޫގުލް އާއި ވިކިޕީޑިއާގައި ހާމަކޮށްފައިވަނީ އަސްލު މައުލޫމާތު ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކޮށްފައިވެ އެވެ.
ދިޝާގެ އަސްލު އުފަން ދުވަސް އެނގޭނީ ޓައިގާއަށްކަން ޔަގީނެވެ.
https://www.instagram.com/p/CQEB14LgjH3/
ޓައިގާ ވަނީ ދިޝާގެ އުފަންދުވަސް ފާހަގަކުރުމަށް ކޭކެއް އަޅައި މުޅި އެޕާޓްމެންޓް ޑެކަރޭޓް ކޮށްފައި އެވެ. އަދި އެމީހުންނާއި އެކު ދިޝާ އުފަން ދުވަސް ފާހަގަ ކުރުމުގައި ޓައިގާގެ ދައްތަ ކްރިޝްނާ ޝްރޮފް ބައިވެރިވެފައިވެ އެވެ.
ޓައިގާވަނީ ގޭގައި ދިޝާއަށް އުފަން ދުވަސް ފާހަގަ ކޮށްދިނުމުގެ އިތުރުން އިންސްޓަގްރާމްގައި ވެސް އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި ދެމީހުން އެކުގައި ޑާންސް ކުރާ ޕޯސްޓެއް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް