މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން ނިދުމަށާއި އެތަކެތީގެ އިސްތިއުމާލުކުރުމަށާއި އެތަކެތި ރައްކާކުރުމަށް މިސްކިތްތައް ބޭނުންކުރާ މައްސަަލަ ބޮޑުވުމުން އާންމުން ނިކުމެ އެފަދަ ފަރާތްތައް މިސްކިތްތަކުންނާއި މިސްކިތްތަކުގެ ފާހާނާތަކުން ނެރެން ފަށައިފިއެވެ.
އެގޮތުން ރޭގައި ދެތިން މިސްކިތަކުން މިގޮތަށް "ޕާޓޭން" ނެރެފައިވެއެވެ. ޖަލާލުއްދީން މިސްކިތުންނާއި ވިޔަފާރިވެރިންގެ މިސްކިތުން މިފަދަ މީހުން ބޭރުކޮށް ފުލުހުންނާވެސް ހަވާލުކޮށްފައިވެއެވެ.
ރޭގައި ދެ މިސްކިތަކުން މިފަދަ ޒުވާނުން ބޭރުކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު މިއިން އެކެއްގެ މައްސަލައިގާ ފުލުހުންވެސް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ސެލޯފިން ކޮޅުތަކަކާއެކު 24 އަހަރުގެ ފިރިހެނަކު ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ބެލެވޭގޮތުގައި އެމީހާއަކީ ވިޔަފާރިވެރިންގެ މިސްކިތުގެ ފާހާނައިގާ މަސްތުވާން އިންދާ އާންމުން އޭނާ ނެރެ ފުލުހުންނާ ހަވާލުކުރި މީހެކެވެ.
މިސްކިތްތަކުގައި ޕާޓޭންގެ އުނދަގޫ އިންތިހާއަށް ބޮޑުވެގެންދިޔައިރުވެސް މި ކަމަށް ހައްލެއް ނާންނާތީ އާންމުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް