މިސްކިތަށް ނަމާދަށް އަރާނަމަ އޮބިދަނޑިއެޅޭ، މިސްކިތުގައި 'ހިއްޕަވާއިރު' ވާކަމެއް ނެތް!؟

މަސްތުވާ ތަކެތި ބޭނުން ކުރުމާއި އެފަދަ އެހެނިހެން، މިސްކިތުގެ ހުރުމަތް ކެނޑޭ އަމަލުތައް މާލޭގެ މިސްކިތުގައި ހިންގުން މިވަނީ އާއްމުކަމަކަށް ވެފައެވެ. މިފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އަހިސ...

13 Jun 2021 | 19:27

މަސްތުވާ ތަކެތި ބޭނުން ކުރުމާއި އެފަދަ އެހެނިހެން، މިސްކިތުގެ ހުރުމަތް ކެނޑޭ އަމަލުތައް މާލޭގެ މިސްކިތުގައި ހިންގުން މިވަނީ އާއްމުކަމަކަށް ވެފައެވެ.

މިފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އަހިސްފައިވާ ކަމަށް ފުލުހުންވެސް ބުނެފައި ވެއެވެ. އަދި މިފަދަ ކަނކަމާ ހުރެ، މިސްކިތްތައް ބައްލަވާލެއްވުމަށްޓަކައި އިސްލާމިކް މިނިސްޓަރވެސް ވަނީ ރޭ މިސްކިތްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

ނަމަވެސް މިރޭވެސް މިސްކިތްތަކުން 'އެފަދ' މީހުން ފެނި، އާއްމުން ވަނީ އެމީހުންގެ ފޮޓޯ އާއި ވީޑިއޯ މީސްމީޑިޔާގައި ހިއްސާކޮށްފައެވެ. އެގޮތުން ދަރުރުވި އެއް ވީޑިއޯ އަކީ ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކޮށް، އެ މިސްކިތުގެ ބޭރުގައި އެމީހާއާ ސުވާލުކުރާ ވީޑިއޯއެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ސެލްފޯންކޮޅުތަކަކާއެކު 24 އަހަރުގެ ދިވެހި ފިރިހެނެއް، މާލެ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ދެވަނަ ވީޑިއޯއަކަށް މިރޭ ދައުރުވެފައި ވަނީ، މިސްކިތެއްގެ ތެރޭގައި މީހެއް އޮށޯވެގެން އޮތް ވީޑިއޯއެކެވެ. މީސްމީޑިޔާގައި ދައުރުވަމުން ދާ މި ވީޑިއޯއިން ފެންނަ މީހާ، އާންމުންތަކެއް ނުކުމެ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދުމުގެ އިތުރުން އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބިމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެފަދަ މައްސަލަތަކުގެ ރިޕޯޓްތައް ލިބެމުން ދާތީ، ކޮންމެ ރެއަކު މިސްކިތްތައް ބަލައި، މިސްކިތް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދވޭ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ނަމަވެސް ފެންނަމުން މިދަނީ، އެކަން ކޮންޓްރޯލް ނުވާތަކެވެ. މީގެ ކުރިން މިސްކިތަށް ނަމާދަށް އަރާ މީހުންގެ އަތުން ޖޫރިމަނާވެސް ކޮށްފައި ވެއެވެ. އަދި ކޮވިޑްގެ މި ދަނޑިވަޅުގައި، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކޮށް ފެންކަނޑާލައިގެން ވެސް މިސްކިތުގައި ނަމާދުކުރުން މަނާކޮށްފައިވެއެވެ. އެހެންކަމަށް ވާއިރު، މިސްކިތުގައި މިފަދަ ހަޑިމުޑުދާރު އަމަލެއް ހިންގަމުން ދާއިރު، މިކަން ނުހުއްޓުވިގެން މިއުޅެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދެއެވެ.

ފުލުހުން ބުނެފައި ވަނީ، މިކަމުގެ މައުލޫމާތު ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށްގެން ހައްލެއް ހޯދުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިސްކިތުގައި ނިދާފައިތިބި ބައެއްގެ ފޮޓޯ ފޭސްބުކްގައި ޖެހުމަށްފަހު މީހަކު ބުނެފައި ވަނި، މިކަން މީހުންް ފުލުހުންނަށް ރިޕޯޓް ކުރާތީ، ‘ސާމާނުކޮޅު’ ހުންނަނީ ޚަތިމް ތެރޭގައި ފޮރުވާފައި ކަމަށެވެ. އަދި ފަތިސް ނަމާދު ވަގުތުގައި ގޮސް އެމީހުނަށް ގޮވާލުމުން، ޚަތިމް ހާވާލުމަށްފަހު ‘ޕެކެޓް’ ހިފައިގެން މިސްކިތުން ނުކުމެގެން ދިޔައީ ކަަމަށް ފޭސްބުކްގައި މިވާހަކަ ހިއްސާކުރި މީހާ ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް