ބީއެމްއެލްގެ ނަމުގައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މީހަކު ފުލުހުން ހައްޔަރިކޮށްފިއެވެ.
ފުލުހުން ބުނެފައި ވަނީ ބީއެމްއެލްގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން60،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު މި މީހާ ހައްޔަރުކޮށްފައި ވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ10 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން،15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މަކަރާއި ހީލަތުން ފައިސާހޯދުން މިދުވަސްވަރު އިތުރުވެފައިވާތީ، މިކަމަށް ސަމާލުވުމަށް ދިވެހިފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
އެކިއެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައި ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ ރައްޔިތުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މީގެ ކުރިންވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.
ފުލުހުން ބުނީ ބޮޑެތި ކުންފުނި ނުވަތަ ޖަމާޢަތްތަކުގެ ނަމުގައި ތަފާތު ޕްރޮމޯޝަންތަކުން ނަން ހޮވިފައިވާކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ޙީލަތުން ފައިސާ ހޯދައި، ރީލޯޑް ކުރުމާއި ރާސްޓަސް އެޅުމާއި ބޭންކް ޑެބިޓް ނުވަތަ ކްރެޑިޓް ކާރޑުގެ މަޢުލޫމާތު ހޯދައިގެން ފައިސާ ހޯދުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެން އެކަމުގެ މައްސަލަތައް ހުށަހަޅާ ކަަމަށެވެ.
އަދި މިފަދަ ކަންކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ސަމާލުކަން އިތުރު ކުރުމަށް މީގެ ކުރިންވެސް ނަސޭޙަތްތެރިވެ ހޭލުންތެރި ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ފުލުހުން ކޮށްއްފައިވާ ކަމަށާއި މިފަދަ ކަންކަމަކީ އަބަދުވެސް ތަކުރާރުވަމުންދާ ކަންކަންކަމަށްވާތީ، ވީހާވެސްބޮޑަކަށް ރައްޔިތުން ހޭލުންތެރިވެ، ސަމާލުކަން ދިނުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
މިގޮތަށް ގުޅާފަރާތްތަކުން އެފަރާތުން ބޭނުންނަމަ ކުއިޒެއްގައި ބައިވެރިވެގެން ފައިސާ ލިބޭނެކަމަށް ބުނެ އެކައުންޓް މަޢުލޫމާތު ހޯދައި އިތުރަށް ވާހަކަ ދެއްކުމަށްފަހު އެމީހެއްގެ ބޭންކް ކްރެޑިޓް ކާޑް ނުވަތަ ޑެބިޓް ކާޑުގެ ނަމްބަރާއި ސެކިއުރިޓީ ކޯޑް ހޯދައިގެން އޮޅުވާލައިގެން ފައިސާގެ މުޢާމަލާތް ހިންގައި މަކަރާ ޙީލަތުން ބޮޑެތި ޢަދަދުތަކުން ރައްޔިތުން އަތުން ފައިސާ އަތުލާކަން ފާހަގަ ކުރެވިފައި ވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
“މިފަދަ މައްސަލަތަކަކީ ރައްޔިތުންގެ އެއްބާރުލުން އިތުރުކޮށް މިކަމަށް ފާރަވެރިވެ ހުރެއްޖެނަމަ ހުއްޓުވައި އޮޅުވާލައިގެން މަކަރާ ޙީލަތުން ފައިސާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެވޭނެ މައްސަލަތަކެއް، ވަކިން ޚާއްޞަކޮށް ބޭންކުން އެމީހަކަށް ލިބިފައިވާ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ އެއްވެސް ނަމްބަރެއް އިތުބާރާއި ޔަޤީންކަން ނެތް ފަރާތަކަށް ނުދިނުމަކީ މިކަން ކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވާ ލެވޭނެ ކަމެއް” ފުލުހުން ބުނެއެވެ.
އެހެންކަމުން މިފަދަ ކަންކަމަށްދެއްވާ ސަމާލުކަން އިތުރުކޮށް ނުދަންނަ އަދި އިތުބާރު ނުކުރެވޭ އެއްވެސް މީހަކަށް ފައިސާގެ މިފަދަ މުޢާމަލާތްތައް ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށާއި ވަކިން ޚާޢްޞަކޮށް، ބޭންކުން ދޫކޮށްފައިވާ އެއްވެސް ކާޑެއްގެ އެއްވެސް ނަމްބަރެއް އަދި ކާޑުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް