ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުން ފިތުރު އީދަށް މެދުކަނޑާލަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ތިން ދުވަހަށް ފޯމު ބަލައިގަތުން މެދުކަނޑާލާނެ ކަމަށެވެ. އަދި ހޯމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ފޯމު ބަލައިގެންނާނީ ރޯދަ މަހު ފޯމު ބަލައިގެންނަ ގަޑިތަކުގައި އެވެ. އޭގެ ފަހުން ފޯމް ބަލައިގަންނަ ގަޑިތައް އަދި ހައުސިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ރޯދަ މަހު ފްލެޓު ފޯމު ބަލައިގެންނަމުން ދަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:30 ން މެންދުރު ފަހު 1:30 އަދި ރޭގަނޑު 9:00 ން 11:00 އަށެވެ. ފޯމް ބަލައިގަތުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 31 އެވެ.
ކިއުގައި ނުޖެހި ނަމްބަރު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އޮންލައިންކޮށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ނެގޭނެ ގޮތް ހަދާފަ އެވެ. އަދި ދަރުބާރުގެއިންވެސް ކިޔުގައި ނުޖެހި ފޯހު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައި އެވެ.
ފޯމު ހުށަހަޅާ ނަމްބަރު ދޫކުރާނީ ފޯމް ބަލައިގަންނަ ގަޑި ހަމަވާން ބައި ގަޑިއިރަށް ވަންދެނެވެ. އަދި އެ ގަޑިއަށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ދޫކުރުންވެސް ހުއްޓާލާނެ އެވެ.
ފްލެޓަށް އެދި މިހާތަނަށް ފޯމް ހުށަހެޅި މީހުންގެ އަދަދު ހާމަ ނުކުރިނަމަވެސް ހައުސިން މިނިސްޓްރީން ބުނީ ހަފްތާއެއްގެ ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން ހަތް ހާސް ފްލެޓު ދޫކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް