މުޒާހަރާއަށް މާލެ އަރަން ގޮވާލި މެންބަރުންގެ މައްސަލަތައް ފައިލް ކުރަނީ

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް ފުލުހުން ފޮނުވި މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ...

14 Jun 2018 | 05:25

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް ފުލުހުން ފޮނުވި މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފައިލް ކޮށްފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިސަރު މީޑިއާގައި ވިދާޅުވީ އެ ދެ މެންބަރުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ މައްސަލައަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ފަދަ މައްސަލައަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މި ދެ މެންބަރުންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެއަށް މީހުން އަރައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލި ކަމަށް ބުނެ އެވެ. މި މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރާއި ދެކޮޅަށްވެސް މި މައްސަލައިގަ ތަހުގީގު ހިންގި އެވެ.

ތަހުގީގު ކުރިޔަށް ދަނިކޮށް ފިލަން މަސައްކަތް ކޮށްފާނެ ކަމަށް ބުނެ މި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފެހެއްޓި އެވެ. އޭގެ ތެރެއިން ފައިސަލް އާއި ނަޒީރުގެ ޕާސްޕޯޓު ދޫކޮށްލި ކަމެއް އަދިވެސް ނޭނގެ އެވެ.

މި މައްސަލައިގަ ފައިސަލްގެ މައްޗަށް ދައުވާ ނުކޮށް މައްސަލަ ވަނީ ފައިލްކޮށްފައި އެވެ. އަދި ފުލުހުން ވަނީ ނަޒީރުގެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާކަމަށް އަންގާފައި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި އިދިކޮޅު ފަރާތްތަކުގެ ތެރެއިން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށްވެސް ދައުވާ ނުކޮށް މައްސަލަ ވަނީ ޕީޖީން ފައިލްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް