ފިތުރު އީދު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަލްމާން ހާންގެ ފިލްމު "ރޭސް 3" ރިލީޒް ކުރުމުގެ ކުރިން އެ ފިލްމަކީ ސުޕާހިޓް ފިލްމަކަށް ވާނެކަމުގެ ޔަގީންކަން ލިބިއްޖެ އެވެ.
އެ ފިލްމުގެ ޑިސްޓްރިބިއުޓަރުންނާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ މީގެ ކުރިން އީދު ދުވަސްތަކުގައި ރިލީޒް ކޮށްފައިވާ ސަލްމާންގެ ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެކަމުގެ ޔަގީންކަން ލިބިފައިވަނީ ސިނަމާތަކުން ޓިކެޓް ބުކް ކޮށްފައިވާ މީހުންގެ ނިސްބަތަށް ބަލާފައި ކަމަށެވެ. އެގޮތުން މިހާރު އެޑްވާންސް ބުކިން ހައްދަމުން ދަނީ ތިން ވަނަ ދުވަހުގެ ޝޯތަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ފިލްމަށް ޑިމާންޑު ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ދިއްލީ، މަހާރާޝްޓްރާ، ޗައްތިސްގަރް، ޖަބަލްޕޫރު، ބަލަސްޕޫރު ފަދަ ސިޓީތައް ހިމެނެ އެވެ. މީގެ ތެރެއިން ދިއްލީގެ ދެ ސިނަމާއަކަށް ތިން ވަނަ ދުވަހުގެ ޝޯތަކަކަކަށް އެކަނި މިހާތަނަށް އެޑްވާންސް ބުކިން ހައްދައިގެން ފިލްމަށް 20 ލައްކަ ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ޑިސްޓްރިބިއުޓަރުން ބުނެފައިވެ އެވެ.
ސަލްމާންގެ "ރޭސް 3" ގެ ސެޓަލައިޓް ރައިޓްސް ވަނީ މި ފަހަކުން ބޮލީވުޑްގެ ފިލްމެއްގެ ރައިޓްސް ނުވިއްކާހާ ބޮޑު އަގެއް ކަމަށްވާ 130 ކްރޯޑް ރުޕީސްއަށް ވިއްކާލާފައި އެވެ. މި އަގަކީ އެ ފިލްމުގެ ހުރިހާ ހަރަދަކަށް ހިނގި އަގަށް ވުރެ ބޮޑު އަގެއް ކަމަށްވެ އެވެ.
އީދާ ދިމާކޮށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން މިހާތަނަށް ފްލޮޕް ވެފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާންގެ "ޓިއުބްލައިޓް" އެވެ. އެ ފިލްމު ފޮލޮޕް ވުމާއި ގުޅިގެން ސަލްމާން ވަނީ ޑިސްޓްރިބިއުޓަރުން ސަލްމާންގެ ފިލްމަކަށް މިގޮތަށް އުންމީދުކޮށް އެޑްވާންސް ބުކިން ހައްދައިގެން ފިލްމު ބަލަން ވަންނާނެ މީހަކު ނުވެގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް ކްރޯޑް ރުޕީސް އެއް ދޭންޖެހިފައި އެވެ.
ރޯމިއޯ ޑިސޫޒާ ޑައިރެކްޓު ކުރާ "ރޭސް 3" ގައި ސަލްމާން އާއި އެކު ފެނިގެންދާނީ އަނިލް ކަޕޫރު، ބޮބީ ޑީއޯލް، އަދި ޖެކޮލިން ފެނާންޑޭސްގެ އިތުރުން ޑެއިސީ ޝާހް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް