ރާއްޖޭގެ ތާރީހުގައި ތަންކޮޅެއް ކުރީ ޒަމާނަށް ޖެހިލާއިރު މިސްކިތުންނާއި ޤުރުޢާން އުނގަންނައިދޭ ގެތަކުންނާއި ކުލާސް ތަކުން ތާކިހާ އަޅާފައި ތިބޭ ކުދިން ފެންނާނެ އެވެ. އަދި މިސްކިތުގައި ބޮޑެތި މީހުންވެސް އޭރު ދިޔައީ ނަމާދު ކުރާއިރުގައްޔާރު ޤުރުޢާން ކިޔަވާއިރު ތާކިހާ އަޅަމުންނެވެ.
ނަމަވެސް މިހާރު ތާކިހާ އަޅާ މީހަކު، ތާކިހާ އަޅާ ކުއްޖަކު ފެންނަނީ މަދުންނެވެ.
އެހެންނަމަވެސް ތާކިހަލުގެ ފޯރި ސައުދީގައި އަދިވެސް ކުޑައެއް ނޫނެވެ ހާއްސަކޮށް ޢީދާއި ދިމާކޮށެވެ.
ރާއްޖޭގައި ތާކިހާ ބޭނުން ކުރަމުން އައީ ނަމާދު ކުރުމާއި ޤުރުޢާން ކިޔަވާއިރު އެޅުމަށް ކަމުގައިވިޔަސް ސައުދީގައި ތާކިހާ އަޅަނީ އެގޮތަކަށް ނޫނެވެ.
ތާކިހާގެ ތާރީހު ހާމަ ކުރަމުން އަރަބި ނޫހެއްގައި ބުނެފައިވަނީ ޢީދު ދުވަސް ދުވަހު ސައުދީ ކޮންމެ ރައްޔިތަކުވެސް ނަލަވެ ރީތި ހެދުން އަޅަން ބޭނުންވާ ކަމަށެވެ. އެގޮތުން 1970ގެ އަހަރުތަކުގައި ސައުދީގެ އިރުމަތީ ސަރަހައްދުތަކުން އެ ގައުމުގެ އެހެން ގައުމުތަކަށް ހުދުކުލައިގެ ތޮތްޕެއް ކަހަލަ އެއްޗެއް އެކްސްޕޯޓް ކުރަން ފެށި ކަމަށާއި އެއަށް ކިޔަނީ "ތާޤިޔާ" ކަމުގައި ބުނެފައި ވެ އެވެ. އަދި ފަހުން މި ތާޤިޔާތައް އަރަބި އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަން ފެށުނު ކަމަށް ބުނެފައި ވެ އެވެ.
ބުނެފައިވާގޮތުގައި އޭރު ތާޤިޔާ އަޅަނީ މުއްސަނދިންނެވެ. އަދި ގިނަ ބަޔަކު ތާޤިޔާ ދަންނަނީ "މުއްސަނދިންގެ ތޮފި" މި ނަމުން ކަމުގައިވެސް ބުނެފައި ވެ އެވެ.
ތާޤިޔާ ފަހައިގެން ވިއްކުމުގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ އުމުރުން 60 އަހަރުގެ އުއްމު ހުސެއިން ބުނެފައިވަނީ މިހާރުވެސް ތާޤިޔާ ފަހާއިރު އޭގައި ރަން ރޮދި ބޭނުން ކޮށް، ކޮންމެ ތާޤިޔާއެއް ފެހުމަށް ހަތަރު ގަޑިއިރު ހޭދަވާކަމަށް ބުނެފައި ވެ އެވެ. އަދި އެ ރަން ރޮއްޖަކީ ޔޫރަޕުން އެތެރެކުރެވޭ ރޮއްޖެއް ކަމަށާއި މިހާރުވެސް ތާޤިޔާއެއްގެ އަގު އުޅެނީ 30 ރިޔާލާއި 150 ރިޔާލާއި ދެމެދުގައި ކަމުގައި އުއްމު ހުސެއިން ބުނެފައި ވެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މެޝިން ބޭނުންކޮށްގެން ފަހާ ތާޤިޔާ އަދިވެސް މާކެޓުގައި އަގުހެޔޮކޮށް ލިބެން ހުންނަ ކަމަށާއި ނަމަވެސް އަތުން ފަހާ ތާޤިޔާގެ ޑިމާންޑް އަދިވެސް ވަރަށް ބޮޑު ކަމަށެވެ. އަދި ޢީދާއި ދިމާކޮށް ތާޤިޔާގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް