ޖޫން މަހުގެ 9 ވަނަ ދުވަހު 32 ވަނަ އުފަންދުވަސް ފާހަގަކުރި ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރު އަވަދި ނެތި އުޅުނީ އޭނާގެ އުފަންދުވަސް ގާތްއެކުވެރިންނާއި އޭނާގެ ލޯބިވެރިޔާއާއެކު ފާހަގަކުރުމުގައެވެ. އުފަންދުވަސް ފާހަގަކުރުމުގެ ކަންކަމުގައި އުޅުމަށްފަހު ސޯޝަލް މީޑިޔާއިން އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވި އެންމެންނަށް ވަކިވަކިން ޝުކުރުގެ މެސެޖް ދެމުންދިޔައެވެ. އެހެންނަމަވެސް ސޯނަމް އަށްވަނީ ވަރަށް މުހިންމު މީހެއްގެ މެސެޖަށް ޖަވާބު ނުދީ ދޫކޮށްލެވިފައެވެ.
ބޮލީވުޑްގެ އެކްޓަރ ސުނިލް ޝެޓީ ޓްވިޓަރ އިން ސޯނަމް އަށް ކޮށްފައިވާ އުފަންދުވަހުގެ ތަހުނިޔާއަށް ޝުކުރިއްޔާ އޭ ބުނެ ޖަވާބު ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ ސުޕަރ ސްޓަރ އަމީތާބު ވަނީ ސޯނަމް އޭނާގެ މެސެޖަށް ޖަވާބުނުދޭކަމަށް ބުނެ އެކަން ސޯނަމް އަށް ހަނދާންކޮށްދީފައެވެ. ސޯނަމްގެ ޖަވާބަށްފަހު އަމީތާބު ލިޔެފައިވަނީ " ދެން އަހަރެންނޯ.... މިއީ އަމީތާބު ބަޗަން އޭ..އުފަންދުވަހުގެ ތަހުނިޔާ އަހަރެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވިން...އެކަމަކު ސޯނަމް ދުވަހަކުވެސް މެސެޖަށް ޖަވާބުނުދޭ...އާޚް.." އެއަށްފަހު ރުޅިވެރި އެމޯޖީއެއްވެސް ވަނީ އަމީތާބުގެ ޓްވީޓްގައި ހިމަނާފައެވެ. ހީވާގޮތުން އަމީތާބު މިހިރީ މިކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި މިކަމަކީ ކުރިންވެސް ތަކުރާރުވާކަމެއްހެން ހީވެއެވެ. އަމީތާބުގެ މިމެސެޖާއެކު ސޯނަމް ވަނީ އެއަށް ވީއެންމެ އަވަހަށް އެކަމަށް ޖަވާބު ދީފައެވެ.
" އޯ މައި ގޯޑް ސަރ...އަހަންނަށް ނޭންގުނީ..އަހަރެން އަބަދުވެސް މެސެޖަށް ޖަވާބު ފޮނުވަން.. ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަހަންނަށް ޖޫނިއަރ ބަޗަން( އަބީޝޭކް ބަޗަން) ގެ މެސެޖް ލިބުން.. ވަރަށް ބޮޑަށް ސޮރީ" އަމީތާބުގެ ޓްވީޓަށް ރައްދުދެމުން މަޢާފަށް އެދެމުން ސޯނަމް ކުރި ޓްވީޓަކީ މިއީއެވެ. ކޮންމެއަކަސް ސޯޝަލް މީޑިޔާގައި އަމީތާބު މިކުރި ކަމަކުން ސޯނަމް މިވަނީ ވަރަށް ބޮޑަށް ލަދުގަނެފައެވެ. ދެން ބައެއް ފަހަރަށް އެހެންވެސް ވާނެތާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް