ނޭޕާލް ރިލީފް ފަންޑަށް ލިބުނު 2.5 މިލިއަން ރުފިޔާ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިންމައި ނޭޕާލް ރެޑް ކްރެސެންޓާ ހަވާލުކުރާނެ ކަމަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުން މިއަދު ބުނެފި އެވެ.
ނޭޕާލަށް އައި ބާރުގަދަ ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ހުޅުވި ފަންޑާ ބެހޭ މައުލޫމާތު ދިނުމަށް ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރައްޒާގް ވިދާޅުވީ، އެ ޖަމާއަތުން އުއްމީދު ކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް އެ ފަންޑަށް ލިބުނު ކަމަށެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އަދި ދިވެހި ރެޑް ކްރެސެންޓުން އިސްނަގައިގެން ނޭޕާލަށް އެހީވާން ހުޅުވި ފަންޑަށް ފައިސާ އެއްކުރަން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
ރައްޒާގު ވިދާޅުވީ، ދިވެހިން އަބަދު ވެސް އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި ރީތި މިސާލު ދައްކަމުން ކަމަށެވެ. އެގޮތުން، މިފަހަރު ވެސް އެ ރީތި މިސާލު ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.
ދިވެހިންގެ ފަރާތުން ނޭޕާލަށް ހަދިޔާކުރާ މިފައިސާ، ހަމައެކަނި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ރައްކާތެރި ގެދޮރު ބިނާކުރުމަށް ނޭޕާލް ރެޑްކްރެސެންޓުގައި އެދިފައިވާނެ ކަމަށް ވެސް ރެޑް ކްރެސެންޓުން ބުންޏެވެ.
ރައްޒާގު ވިދާޅުވީ، ދެފުށް ފެންނަ ގޮތެއްގައި މި ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކޮންމެ ހަ މަހަކުން މި ކަމުގެ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް