ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ޖުލައި 26 ވަނަ ދުވަހު ރާއްޖޭގެ އާ ނައިބް ރައީސްކަމުގެ ހުވާ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި އަދީބަށް ނިސްބަތް ކުރައްވައި ވިދާޅުވެފައި ވަނީ، "ބްރޯއަކީ މިހާރު ބްރޭންޑެއް" ކަމަށެވެ. އަދި މިނިވަން ދުވަހުގެ އަލިވިލޭނީ އާ ނައިބް ރައީސްގެ އާ ދައުރާ އެކު "ގައުމުގެ ބްރޯއާ" އެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
https://twitter.com/Thimarafushi/status/609983259590524928
މުސްތަފާ މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މި ވަނީ ތ. އަތޮޅަށް އަދީބާއި ޔޫތު މިނިސްޓަރު އަދި ޕީޕީއެމްގެ ބައެއް މެމްބަރުންނާ އެކު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށިން ގުރައިދޫއަށް ވަޑައިގަންނަވަމުން ގަނޑުމަތީގަ އެވެ.
ނައިބް ރައީސް ކަމުގެ މަގާމަށް އަދީބު ހަމަޖައްސަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފައި ވަނީ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހުންގެ އުމުރަކީ 30 އަހަރާއި 60 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީ އަށް ޕީޕީއެމުން ގެނައުމަށް ހުށަހެޅި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގެ ބިލް މިހާރު ވަނީ މަޖިލީހުން ބަލައިގަނެފައެވެ.
ނަމަވެސް އަދީބު ނައިބް ރައީސް ކަމަށް ގެނައުމާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި މިހާތަނަށް އެއްވެސް އެއްޗެއް ޕީޕީއެމުން އަދި ސަރުކާރުން ވެސް ބުނެފަައެއް ނުވެ އެވެ.
ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން ގެންދަވަނީ އެމޭރުމުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިކަމާ ގުޅޭގޮތުން ހާމަކޮން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވާ ބޭފުޅަކީ މުސްތަފާއެވެ.
މިދިޔަ ހަފްތާގެ މަޖިލީސް ޖަލްސާއެއްގައިވެސް މުސްތަފާ ވަނީ ނައިބް ރައީސް ޑރ ޖަމީލަކީ އެކަމަށް އެކަށީގެންވާ މީހުން ނޫންކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކުވެސް ގެންދަވަނީ އެ މޭރުމުން ވާހަކަދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް