ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރާން ޖެހޭކަމަށް އާ ވެރިން ހިތަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް ކަމުގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ޤާނޫނު އަސާސީ ތަސައްވުރު ކުރިގޮތެއް ނޫން ކަމަށެވެ.
"ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރާންޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ޤާނޫނު އަސާސީ ތަސައްވުރު ކުރި ގޮތެއް ނޫން" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެހެނަސް މި ޤާނޫނުއަސާސީ ބައްޓަންކޮށްފައި މިވަނީ، އުންމީދުކުރި ގޮތާ ޚިލާފަށް ރަސްކަމެއްފަދަ ރިޔާސީ ނިޒާމެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2008ގައި ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު ކަމަށާއި 2013، 2018 އަދި 2023 ގެ އިންތިޚާބުތަކަށްފަހުގައި ކޮންމެ ވެރިކަމަކުންވެސް ފަނޑިޔާރުން ބަދަލުކޮށްފައިވާކަމަށެވެ.
އެއީ ވަރަށް ބޮޑު ދެރައެއް. އަދި ގޯހެއް ކަމަށާއި މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރާންޖެހޭކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް