ސޯޝަލް މިނިސްޓްރީއިން އިސްރަށްވެހިންނާއި ގާލް ގައިޑުންނާއެކު، ތަންމަތިވެފައިވާ މީހުންނަށް ޒިޔާރަތްކުރަން ފަށައިފި

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ބެޑްރިޑަން ޕްރޮގްރާމް' ގެ ދަށުން އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު އިސްރަށްވެހިންގެ ތެރެއިން ތަންމަތިވެފައިވާ މީހުންގެ ގާތަށ...

14 May 2025 | 05:03

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ބެޑްރިޑަން ޕްރޮގްރާމް' ގެ ދަށުން އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު އިސްރަށްވެހިންގެ ތެރެއިން ތަންމަތިވެފައިވާ މީހުންގެ ގާތަށް ޒިޔާރަތްކުރަން ފަށައިފިއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ބެޑްރިޑަން ޕްރޮގްރާމް' އަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

"އާ ބަދަލުތަކާއެކު އިއްޔެ ފެށި 'ބެޑްރިޑަން ޕްރޮގްރާމް' ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުންގެ ތެރެއިން ވޮލަންޓިއަރކޮށް ގެތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިގެން، އެ މީހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، ގެތަކަށް ޒިޔާރަތްކުރާއިރު މުޢާމަލާތުކުރަންވީ ގޮތުގެ ފުރިހަމަ ތަމްރީނު ދެވިގެން، އަދި އެމީހުންނާއެކު ގާލް ގައިޑްގެ ކުދިންވެސް ބައިވެރިވާނެ" އެ ވުޒާރާއިން ބުނެފައިވެއެވެ.

އެގޮތުން މި ޕްރޮގްރާމުގައި ވޮލަންޓިއަރުންގެ ގޮތުގައި ގެތަކަށް ޒިޔާރަތްކުރާ މީހުން ޓީމުތަކަށް ބަހާލައިގެން ތަންމަތިވެފައި ތިބޭ މީހުންނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، މަހަކު އެއްފަހަރު މަދުވެގެން ޓީމުތަކުން ގެތަކަށް ޒިޔާރަތްކޮށް ތަންމަތިވެފައިތިބޭ އިސްރަށްވެހިންނާއި ޢާއިލާތަކުގެ ޙާލު ބަލާނެއެވެ. ހަމައެއާއެކު، އެ މީހުންނާއެކު ހިތްހަމަޖައްސާލުމަށް ކުރެވިދާނެ ތަފާތު ކަންކަމާ ގުޅޭ މަޝްވަރާތައްކޮށް، އެ ވަސީލަތްތައް ޒިޔާރަތްތަކުގެ ތެރެއިން ފަހިކޮށްދޭނެކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.

"އިސްރަށްވެހިންގެ ތެރެއިން އެކި ސަބަބުތަކާހުރެ ތަންމަތިވެފައިވާ ފަރާތްތަކަކީވެސް ޝާމިލުވާ، އަބުރުވެރިކަމާއެކު އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމަކީ އޯގާތެރި މުޖުތަމަޢެއްގެ މުހިންމު ސިފައެއް" އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އެ ވުޒާރާއިން މަޢުލޫމާތުދޭގޮތުގައި އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު މިނިސްޓްރީއިން މިފަދަ ޕްރޮގްރާމެއް ފެށި މައިގަނޑު މަޤްޞަދަކީ ތަންމަތިވެފައި ތިބޭ އިސްރަށްވެހިންނާއި، އެ ފަރާތްތައް ބަލަހައްޓާ ފަރާތްތަކަށް ޒިޔާރަތްކޮށް ޙާލު ބަލައި އެ ޢާއިލާ ތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމެވެ. މިކަމުގެ ސަބަބުން، މުޖުތަމަޢުގައި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިކަމާއެކު އަޅާލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަޤާފަތް ދިރުވުމާއި، އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހަމައެއާއެކު، ޒުވާނުންނާއި އިސްރަށްވެހިން ޝާމިލުވެގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުން އިޖްތިމާޢީ ކަންކަމުގައި ޝާމިލުކުރުން އިތުރުކުރުމާއި، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހުރި އޯގާތެރިކަމާއި އަޅާލުމުގެ މަތިވެރި ސިފަތައް އެއްޖީލުން އަނެއް ޖީލަށް ދަސްކޮށްދިނުމާއި އަށަގެންނެވުމާއި އަދި މިއީ ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކޮށް ޒުވާނުންނާއި އިސްރަށްވެހިންގެ އިޖްތިމާޢީ ގުޅުން ބަދަހިކޮށްދޭނެ ހަރަކާތްތަކެއްކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް