ލ. ދަނބިދޫގައި މިއަދު ކުރެވުނު ކައިވެންޏެއްގެ ރަސްމިއްޔާތުގައި ކޯޓު ބޭރުގައި ފަންބުޑުން ތަޅާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންގޮސްފިއެވެ.
މުހައްމަދު ޝަމާއިލް ނަމަކަށްކިޔާ ޒުވާނަކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ދަނބިދޫ ކޯޓުން ދެމީހަކު ކައިވެނިކޮށްގެން ނިކުންނަ މަންޒަރާއި އެ ކައިވެނީގެ އުފާ ފާޅުކުރުމަށް އެ ސަރަހައްދުގައި ތިބި މީހުން ފަން ބުޑުން ބިމުގައި ބާރަށް ތަޅާ މަންޒަރެވެ. ވީޑިއޯގެ ކެޕްޝަންގައި ޝާމިލް ލިޔެފައިވަނީ "ފަންބުޑުން ތެޅުން، ހަވާ އެރުވުމަށްވުރެ މާ ފައްކާ" ކަމަށެވެ.
މި ވީޑިއޯ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި 500އެއްހާ މީހުން ޝެއާކޮށްފައިވާއިރު މި ވީޑިއޯ ބަލާފައިވާ މީހުންގެ އަދަދު މިހާރު އުޅެނީ 35 ހާހަށްވުރެ މަތީގައެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއަރ ކުރަމުން އެ ރަށަށް ނިސްބަތްވާ އެހެން ޒުވާނެއް ކަމުގައިވާ ހާމް ޝިހާމް ބުނެފައިވަނީ އާންމުކޮށް އަނބި ޤަބޫލް ކޮށްފީމޭ ބުނާ ހިސާބުން ފަންބުޑު ތަޅަން ފަށާނެކަމަށެވެ.
"ރުކުގެ ފަނުގެ ބުޑި (އަހަރުމެން ކިޔާ ގޮތުންނަމަ ފަންބުޑު) ބޭނުންކޮށްގެން މިކަން ކުރަން އިސްކޮށް ހަރަކާތްތެރިވާނީ ކައިވެނި ކުރަން ދާ ދެމީހުންތެރެއިން ފިރިހެންމީހާގެ ގާތްކޮށް އުޅޭ ރައްޓެހިން ނުވަތަ އާއިލާ މީހުން، ކައިވެނި ކުރަން ދިޔަ ދެމީހުން ކޯޓުން ނިކުމެގެން ގެޔާހަމަ އަށް ދެވެންދެން ބައެއްފަހަރު މިކަން ކޮށްއުޅޭ" ޝިހާމް އިތުރަށް ބުނެފައިވެއެވެ.
ލ. ދަނބިދޫގެ ތަފާތު މި އާދަކާދަ ސޯޝަލް މީޑިއާގައި މިއަދު ވައިރަލްވެފައިވާއިރު ލާމުގައި، ކައިވެނިމައްޗަށް ދިއުމަކީވެސް ގިނަ ބަޔަކަށް ކަމުދާ އާދަކާދައަކަށް އޮންނަނީ ވެފައެވެ.
https://www.facebook.com/liamahshamail/videos/2059896861052321
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް