ހުޅުމާލޭގެ ދެވަނަ ފިޔަވީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 30 މެއި ގެ ނިޔަލަށް ނަގަން އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވާގޮތުގައި މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. އަދި ދެވިފައިވާ މުއްދަތުގައި މި ތަކެތި ނަގާފައި ނުވާނަމަ، އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމަށާއި މިގޮތުން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެކަމުގައި ބުނެފައިވެއެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް، ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވޭ، މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުން ދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައި ވޭ" އެޗްޑީސީއިން ބުނެފައިވެއެވެ.
އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެޗްޑީސީއިން މަސައްކަތް ކުރަމުން އަންނަކަމަށާއި އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް