ވާހަކަ: ޑައިރީ – ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "މިފޫ ގަބޫލު ކުރަމޭ މިފޫއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެކަމަށް....! މިފޫއަށް ކުރެވުނު ހުރިހާ ކަމަކަށް މިފޫ މަޢާފަށް އެދެން....! އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް ނުވާނެ......

14 May 2024 | 05:17

ކުރީގެ އަދަދާއި ގުޅޭ...

"މިފޫ ގަބޫލު ކުރަމޭ މިފޫއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެކަމަށް....! މިފޫއަށް ކުރެވުނު ހުރިހާ ކަމަކަށް މިފޫ މަޢާފަށް އެދެން....! އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް ނުވާނެ....! ހިނގާދެން އެވާހަކަ ނުދައްކަމާ....!" އަންޖަލްގެ އަތުގައި ހިފާލުމަށްފަހު މިފްޒާލް ވާހަކަ ދެއްކިއެވެ.

މެންދުރުފަހުގެ ވަގުތެވެ. އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު އެންމެން ގެއަށް ދިޔައިރުވެސް މިފްޒާލް އިނީ އޮފީހުގައެވެ. މިފްޒާލް މަސައްކަތްތައް ނިންމާލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ކުރިމަތިން ފެންނަންހުރި ޕޯސްޓަރަށް ބަލާލިއެވެ. އެވަގުތު މިފްޒާލްގެ ޚިޔާލުތައް އެގޮތްމިގޮތަށް އެނބުރެން ފެށިއެވެ. ކަން ނުވެ ހުއްޓާ ނަން ވީ ކީއްވެ ހެއްޔެވެ؟ މިފްޒާލްގެ ހިތާ ތަކުރާރުކޮށް ކުރެވޭ ސުވާލަކީ އެއީއެވެ. ދެން ހަދަންވީ ގޮތެއް ނުވިސްނުނެވެ. މޭޒުމަތީގައި އޮތް ބަރު އަނބުރާލަ އަނބުރާލަ އިންދާ މިފްޒާލް ސިއްސައިގެން ދިޔައީ ފޯނު ރިންގްވާން ފެށުމުންނެވެ. މިފްޒާލް ފޯނަށް ބަލާލިއެވެ. ގުޅަނީ ހުމެއިދު އެވެ.

"އޭ މިފްޒާލް ކޮންތާކު ތި އުޅެނީ....؟" މިފުޒާލް ފޯނު ނެގުމާއެކު ހުމެއިދު ހާސްވެފައި ސުވާލުކޮށްލިއެވެ.

"އޮފީހުގައި މިއުޅެނީ....! އަނެއްކާ ކިހިނެއް ވީ....؟" ހުމެއިދު ސުވާލުކުރި ގޮތުން ކޮންމެސް ކަމެއް ވެއްޖެކަން މިފްޒާލްއަށް އެނގުނެވެ.

"މަށަކަށް ނޭނގެ މިވާހަކަ ފަށާނެ ގޮތެއް ވެސް...! ދެންމެ ނުދަންނަ ނަންބަރަކުން މީހަކު ގުޅައިފި....! ވަރަށް ނުނަގަންހުރެފަ ފޯނު ނެގީވެސް... ކާކުހޭ އަހާލީމާ ބުނީ މިއީ އައިލީންގެ ހަޒްބަންޑޯ...! ކިހިނެތްވީހޭ އަހާލީމަ އަހަނީ މިފްޒާލް އެނގޭހޯ....! އައިލީންގެ ހުއްދައެއް ނެތި އައިލީންގެ ފޮޓޯއެއް ކުރަހައިގެން މައުރަޟުގައި ބައިވެރިކޮށްގެން އުޅޭތީ އެކަމާ ވާހަކަ ދައްކާލަން މިފްޒާލްގެ ނަންބަރު ހޯދާލަން ވެގެންނޯ...." ހާސްވެފައިހުރެ ހުމެއިދު ވާހަކަ ދެއްކިއެވެ.

"އަސްލު އަހަންނަށްވެސް ވިސްނާނުލާ ވަރަށްބޮޑު ކަމެއްދޯ މި ކުރެވުނީ.... މީހެއްގެ ފޮޓޯއެއް ޢާންމުކުރާއިރު އެމީހެއްގެ ހުއްދަވެސް ހޯދަންޖެހޭނެ.... ރަނގަޅު ވާހަކައެއް އެންމެންވެސް އެދައްކަނީ.....! މިކަމުގައި ދެން ހެދޭނެ އިތުރު ގޮތެއްނެތެއްނު...! ކީކޭ ދެން ހުމައިދު ބުނީ....؟" މިފްޒާލް ސުވާލުކޮށްލިއެވެ.

"އަހަރެން ބުނިން މިފްޒާލް އާ ވާހަކަ ދައްކާލާފަ ޖަވާބެއް ދޭނަމޭ....! އެއީތާ ދެން އަހަންނަށް ބުނެވޭނެ އެއްޗަކީ....! އެނޫން އިތުރު ކީކޭ ދެން އަހަރެންވެސް ބުނަނީ.... ކީއްކުރަން އައިލީންގެ ފޮޓޯއެއް މިފްޒާލް ކުރެހީ...." މިފްޒާލްގެ ސުވާލަށް ހުމެއިދު ޖަވާބު ދިނެވެ.

"ދެން އެކަން އެއޮތީ އެހެން ކުރެވިފައި.... އައިލީންގެ ފިރިމީހާ ވަރަށް ރުޅިއައިސްފަތަ ހުރީ....؟ އަހަންނަށް ވިސްނާނުލާ މިކުރެވުނީ ހާދަ ގޯސްކަމެކޭދޯ....؟" މާނޭވާއެއް ލަމުން މިފްޒާލް ބުނެލިއެވެ.

"ވާހަކަ ދެއްކިއިރު އޭނަ އެހާބޮޑަށް ރުޅިއައިސްފަ ހުރިހެނެއް ހީއެއްނުވޭ..... މަޑުމަޑުން ވާހަކަ ދެއްކީ....! ނަންބަރު ބޭނުމޭ ބުނީ.... ކިހިނެތް ހަދަންވީ... ނަންބަރު ދޭންވީތަ....؟ އަހަންނަށް ހީވަނީ މިފްޒާލާ ދޭތެރޭ އޭނަ ޝައްކުކުރޭހެން...." ހުމެއިދު ބުނެލިއެވެ.

"ކޮންކަމަކާ....! އަހަރެން ދުވަހަކުވެސް އައިލީން އާ ވާހަކައެއްވެސް ނުދައްކަން.....! މީހަކު ރީތިވެގެން އުޅުން އެއީ މާބޮޑު ގޯހެއް ނޫނެއްނު...." މިފްޒާލް ބުނެލިއެވެ.

"ހުމައިދު ބުނަން އޮތް ވާހަކައަކީ މިފްޒާލް އާއި އައިލީން އާ ދެ މީހުންގެ ދޭތެރޭ އެއްވެސް ގުޅުމެއް އޮތިއްޔާ އެގުޅުމެއް ކަނޑާލުމަށްފަހު ތިކަން ހުއްޓާލުމޭ ބުއްދިވެރިގޮތަކީ...." ނަސޭޙަތްދޭ ރާގަކަށް ހުމެއިދު ބުނެލިއެވެ.

"އަހަރެން މި ބުނަނީ އައިލީން އާއި އަހަންނާ ދެމެދަކު އެއްވެސް ގުޅުމެއް ނެތޭ....! އަހަރެން އައިލީން އާ ދުވަހަކުވެސް ވާހަކައެއްވެސް ނުދައްކަމޭ.....މިކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ތިއީ....! މިވާހަކަ އެންމެ ތަފްޞީލްކޮށް އަހަރެން ކިޔައިދިނީވެސް ހަމަ ހުމެއިދުއަށް.... އެހެންވީމަ އަހަރެން މިދައްކާ ވާހަކަ ހުމެއިދު ޤަބޫލުކޮށްބަލަ.... ޕްލީޒް...!" އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.

"އޯކޭ.... ކަމެއްގައި ބޭރަށް މިދަނީ...! މިކަމާ ވާހަކަ ދައްކާލަން އަދި ފަހުން ގުޅާނަން.... އެހެންވީމަ އައިލީންގެ ހަސްބަންޑަށް އަހަރެން ނަންބަރު ދޭނަން...." ފޯނު ބާއްވަމުން ހުމެއިދު ބުނެލިއެވެ.

މިފްޒާލް ފޯނު ބޭއްވުމަށްފަހު ވިސްނާލިއެވެ. މިޖެހުނު މައްސަލައާމެދު ވަރަށް ފުންކޮށް ވިސްނާލުމަށްފަހު އެންމެފަހުން މިފްޒާލް ނިންމީ މިހާތަނަށް މިފްޒާލް ދެކެމުން އައިގޮތް ބަދަލު ކުރުމަށެވެ. އެއްވެސް ކަމެއް ނުކޮށް ހުއްޓައި އެވަރުގެ ބޮޑުކަމެއް ބޮލުގައި އެޅުނީތީއެވެ. މިފްޒާލްގެ ހިތަށްއެރިއެވެ. ދެން އެކަން ނުކުރާންވީ ސަބަބެއްވެސް ނެތެވެ. ކަންނުވެ ނަންވެފައިވާތީ މިފްޒާލް ގަސްދުކުރީ އައިލީންއާ ފޯނުން ވާހަކަ ދެއްކުމަށެވެ. އައިލީން ވާހަކަ ދައްކަން ބޭނުން ނުވާނަމަ ބޮޑުވަރަކަށްވެސް ވާނެ ކަމަކީ ފޯނު ކަނޑާލުން ކަމުގައިވާތީ އެންމެފަހު ކަމަށް މިފްޒާލް ނިންމީ އައިލީންއާ ގުޅުމަށެވެ. މިފްޒާލް ދުވަހަކު އައިލީންއާ ނުގުޅިޔަސް މިފްޒާލްގެ ފޯނުގައި އައިލީން ނަންބަރު ސޭވްކޮށްފައި އޮތެވެ. މިފްޒާލް އެނަންބަރަށް ޑައިލްކޮށްލިއެވެ.

"ހެލޯ...." ފޯނު ނެގީ އައިލީން އެވެ.

އައިލީންގެ އަޑު ކަންފަތުގައި ޖެހުމާއެކު މިފްޒާލްއަށް ވީ ވަރަކީ ފޯނު ބޭއްވުމެވެ. އެތަކެއް ޒަމާންތަކަށްފަހު އައިލީންގެ އަޑު ކަންފަތުގައި ޖެހުމުން ބުނަން ނޭނގޭ ކަހަލަ ގޮތެއް މިފްޒާލްއަށް ވިއެވެ. އައިލީންއާ ވާހަކަ ދައްކާލެވޭނެ ވަގުތަކަށް މިފްޒާލް އިންތިޒާރު ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިއަދު މިކަން މިގޮތަށް ދިމާނުވިނަމަ އަދިވެސް އައިލީންއާ ގުޅާލާނެ ހިތްވަރެއް މިފްޒާލްއަކަށް ނުލިބުނީހެވެ. މިފްޒާލް އަނެއްކާވެސް އައިލީންގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

"ހަލޯ.... ހަލޯ....." މިފަހަރު ތަންކޮޅެއް ބާރަށް އައިލީން ދެފަހަރު ހަލޯ ބުނެލިއެވެ.

"ކިހިނެއްތަ ހާލު....؟" މިފްޒާލް މަޑުމަޑުން ސުވާލުކޮށްލިއެވެ.

"ތީ ކާކު....؟" އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އައިލީން ސުވާލުކޮށްލިއެވެ.

"މިއީ.... މިއީ... އައިލީންގެ ފޭނެއް....! އައިލީންގެ ޝޯތަކާއި ޑްރާމާތައް އަޑުއަހާ ފޭނެއް.... ފޯނުކުރީމަ ހިތްހަމަ ނުޖެހެނޭތަ....؟" އަޅައަޅައިގަންނަމުން މިފްޒާލް ސުވާލުކޮށްލިއެވެ.

"ކާކުކަން ނޭނގޭ މީހުންނާ ޢާންމުކޮށް ވާހަކަދައްކައެއް ނޫޅެން.... ތިއީ ކާކު....؟ ނަން ނުބުނަންޏާ ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނޫން...." މިފަހަރު އައިލީން އަޑުހުރީ ތަންކޮޅެއް ހަރުކަށި ކޮށެވެ.

"ނަން ބުނާނަމޭ.... އިހަށް ފޯނު ނުބާއްވައްޗޭ.... އަސްލު މިގުޅާލީ ވަރަށްބޮޑު ކަމަކު.... ނިމިގެންދިޔަ ފޮޓޯ މަޢުރަޟުން އެއްވަނައަށް ދިޔަ ފޮޓޯއަކީ އައިލީންގެ ފޮޓޯއެއްދޯ....! އެކަމާ ބެހޭގޮތުން ސުވާލެއް ކޮށްލަން ކަމަށް....! ރުޅިނާންނައްޗޭ....! މިފްޒާލްގެ ހިތުގެ ހިނގުން އަވަސްވަމުންދިޔައެވެ.

"އެންމެ ފުރަތަމަ ބުނެލަންއޮތީ ތި ފޮޓޯއާ ގުޅޭގޮތުން ދައްކަން ތިއުޅޭ ވާހަކައަކީ ދޮގުވާހަކައެކޭ....! އެފޮޓޯއަކީ ކާކު ކުރެހި ފޮޓޯއެއް ކަމެއްވެސް އަޅުގަނޑަކަށް ނޭނގެއޭ... އަޅުގަނޑުވެސް މަޢުރަޟުން އެފޮޓޯ ދުށިން.... އިތުރަށް އެފޮޓޯއާ ބެހޭ އެއްވެސް މަޢުލޫމާތެއް އަޅުގަނޑަކަށް ނޭނގެ....! އެހެންވީމާ ކުރަން އުޅުނު ސުވާލަށް އަޅުގަނޑަށް އެނގިފައިވާ މިންވަރަކުން ޖަވާބު ދެވުނު ކަމަށް ހީކުރަން.... ދެން ފޯނު ބާއްވަނީ...." އައިލީން އެއްނޭވާއިން ހުރިހާ ވާހަކައެއް ދައްކާލިއެވެ.

"އެފޮޓޯ ކުރެހި މީހެއް އެނގެން ބޭނުންތަ....؟ އެމީހެއްގެ ނަން އެނގެން ބޭނުންތަ....؟" މިފްޒާލް މަޑުމަޑުން ސުވާލުކޮށްލިއެވެ.

"ކާކު....؟ އެއީ ކާކު....؟" އައިލީން އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

"އެ މީހާގެ ނަމަކީ.... ނަމަކީ މިފްޒާލް....! މިހާރު... މިހާރު ތި ވާހަކަ ދެއްކެނީ އެމީހާއާ...." އަޅައަޅައިގަންނަމުން މިފްޒާލް ބުނެލިއެވެ.

"ތިއީ އެފޮޓޯ ކުރެހި މީހާވިއްޔާ ބުނެބަލަ....؟ ކީއްވެ އަހަރެންގެ ފޮޓޯއެއް ކުރެހީ.... އަދި އެފޮޓޯއަށް އެއްވަނަ ލިބުނީ....؟ އައިލީން ހަމަޖެހިލާފައި ސުވާލުކޮށްލިއެވެ.

"ރީތިވެފަ، މަޢުޟޫއާ ގުޅޭތީ..." ފުރުޞަތުގެ ބޭނުން ހިފުމަށްފަހު މިފްޒާލް ވަގުތުން ޖަވާބު ދިނެވެ.

"މަޢުޟޫޢާ ގުޅެއޭ ތިބުނީ ކިހިނެތް...." އަނެއްކާވެސް އައިލީން ސުވާލުކޮށްލިއެވެ.

"އެއީ މަޢުރަޟް އިންތިޒާމް ކުރާ ފަރާތުން ފޮޓޯތަކަށް ދީފައިވާ މަޢުޟޫއާ އެފޮޓޯ ގުޅޭ ވާހަކަ...." ކުޑަކޮށް ހީނލާފައި މިފްޒާލް ޖަވާބު ދިނެވެ.

"އެހެންވީމާ ތިއީ ވަރަށް މޮޅު ކުރެހުންތެރިއެއްތާ....! ކިހާވަރަކަށް ފޮޓޯއެއް ކުރަހާދެނީ....! އަޅުގަނޑު ބޭނުން އަޅުގަނޑުގެ ބައެއް ފޮޓޯތައް ކުރަހާލަން....!" އައިލީން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެންމެ ފުރަތަމަވެސް ބުނީމެއްނު ތިއީ އަހަރެންގެ ވަރަށްބޮޑު ފޭނެކޭ....! އެހެންވީމާ ފޭންއަކަށް ވިއްޔާ ކިތަންމެ ވަރަކަށްވެސް ކުރަހާ ދެވިދާނެ.... ހިލޭވެސް ކުރަހާ ދެވިދާނެ.... އައިލީންގެ ސަބަބުން މަޢުރަޟުން މަށަށް އެއްވަނަ ލިބުނީވެސް.... އެހެންމީހަކުނަމަ އައިލީންގެ ހުއްދައެއް ނެތި ފޮޓޯ ކުރަހައިގެން މަޢުރަޟްގައި ބައިވެރިކުރީމަ މައްސަލަވެސް ޖެއްސީސް.... އެކަމަކު އައިލީން އެކަހަލަ އެއްވެސް ކަމެއްވެސް ނުކުރަމެއްނު...! އެކަމަކު އައިލީން މިކަމާ އަޅާނުލާ ހުއްޓަސް ޔަޤީން އައިލީންގެ ފިރިމީހާ އެކަމާ އެހާބޮޑަށް ހިތްހަމަ ޖެހިފައެއްނޫންކަން ހުންނާނީ....! އެއީ މައްސަލައެއްވެސް ނޫން....! މަ ނަމަވެސް ވާނީ ހަމަ އެހެން....! އެހެންވެ އެގޮތަށް ކަންތައް ކުރެވުނީމަ އައިލީންގެ ކިބައިން މަޢާފަށް އެދެން އަސްލު އަހަރެން މިގުޅީވެސް....." ކުޑަކޮށް ހީނލާފައި މިފްޒާލް ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 16 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް