އެޕްރީލް މަހު މީރާއިން 2.11 ބިލިއަން ރުފިޔާ ބަލައިގެންފި

އެޕްރީލް 2024 ގައި މީރާއަށް 2.11 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.6 އިތުރު އަދަދެކެވެ. އަ...

14 May 2024 | 01:08

އެޕްރީލް 2024 ގައި މީރާއަށް 2.11 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.6 އިތުރު އަދަދެކެވެ. އަދި، އެޕްރީލް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %4.8 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ، އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މާރިޗު 2023 އާއި އަޅައިބަލާއިރު މާރިޗު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %11.9 އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އެޕްރީލް 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެޕްރީލް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓު ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން، މާރިޗު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު8.3%  އިތުރުވުމާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، ފާއިތުވެގޮސްފައިވާ ޓީ.ޖީ.އެސް.ޓީގެ ސުންގަޑިތަކަށް ނުދައްކާހުރި ފައިސާ އެޕްރީލް މަހުގެ ތެރޭގައި ދައްކައިފައިވާތީ، އެޕްރީލް މަހު ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

އެޕްރީލް 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 68.7% ނުވަތަ 1.45 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 7.0% ނުވަތަ  148.81މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 108.76 މިލިއަން ރުފިޔާ (5.2%)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 106.32 މިލިއަން ރުފިޔާ (5.0%)، ގްރީން ޓެކުހުގެ ގޮތުގައި 105.79 މިލިއަން ރުފިޔާ (5.0%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި  192.44މިލިއަން ރުފިޔާ (%9.1) ލިބިފައިވެއެވެ.

އެޕްރީލް 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް