ކަނޑު ވިއްކުމާއި ދެކޮޅަށް އެކުލަވާލައި މަސައްކަތް ކުރަމުންދާ ކޯލިޝަނުން ސަރުކާރާއި ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
މި ކޯލިޝަންގައި ހިމެނެނީ، ޖޭޕީ، ފިކުރެއްގެ ދިރުން، އެމްއެންޕީ، ޕީޕީއެމް، އަދި ޕީއެންސީ އެވެ. ދެން ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މި ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލި މައްސަލައިގަ ބާއްވާ އެއްވުން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެއްވުން ބާއްވަނީ "މަސް ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި އެވެ.
ސިޔާސީ ފިކުރު ތަފާތުވިޔަސް މި އެއްވުމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ކޯލިޝަނުން ގޮވާލާފައިވެ އެވެ.
އެ ކޯލިޝަނުން ވަނީ ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށްވެސް ނިންމާފައި އެވެ. ޕެޓިޝަންގައި ސޮއި ކުރުން މިރޭ ފަށާނެ އެވެ.
އެ ޕެޓިޝަނުގައި ލިޔުމަށް ނިންމާފައިވަނީ ދިވެހި މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 45،331 އަކަ މީޓަރު ދޫކޮށްލާފައިވާ ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ ހައްގު ގާނޫނީ މުދަލަކުން ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްލި ސަރަހައްދެއް ކަމަށް ބުނެފަ އެވެ.
މޮރިޝަސް އާއި ރާއްޖޭގެ އިން ފުށުއަރާ ބައި ބެހުމުގެ މައްސަލައިގަ ހިޔާމަތް ކުރީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށާއި އެއްވެސް ކަމެއް ގޯހުން ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަދިވެސް ދަނީ ދެމުންނެވެ. ސަރުކާރުން ގަބޫލު ކުރާގޮތުގައި މޮރިޝަސް އަށް ލިބުނު ވަރަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެން މައްސަލަ ނިމިފައިވާތީ މިއީ ކާމިޔާބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް