ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި އާފްތާބު ޝިވަންދާނީ ރާއްޖެ އަތުވެއްޖެ އެވެ.
އޭނާގެ މިދަތުރަކީ މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތް ދިވެހި ފިލްމު "ލޯބިވެވިއްޖެ ބަލައިލަން ރާއްޖެއަށް ކުރި ދަތުރެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު އޭނާއަށް މަރުހަބާކީ އެ ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން އާއި ޓީމެވެ.
އާފްތާބު ވީއައިއޭގައި ހުރެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މިދަތުރަކީ އިތުރު ޕްލޭނެއް ނެތި ހަމަ އެކަނި "ލޯބިވެވިއްޖެ" ބަލައިލަން ކުރި ދަތުރެއް ކަމަށެވެ. މި ދަތުރަކީ އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދިން ދައުވަތަކަށް ކުރާ ދަތުރެއް ކަމަށް ބުންޏެވެ.
އާފްތާބު ބުނީ ފިލްމު ބެލުމަށް ފަހު އޭނާ ދެކޭގޮތް ހާމަ ކުރާނެ ކަމަށެވެ. ގަބޫލު ކުރަނީ ސީޒަންގެ ފިލްމެއް ކަމުން މޮޅު ފިލްމަކަށް ވާނެކަމަށް ކަމަށް ބުންޏެވެ.
އާފްތާބުގެ ވަރަށް ގިނަ ރައްޓެހިން ދިވެހި ފިލްމު އިންޑަސްޓްރީގައި އުޅޭ ކަމަށްވެސް ބުންޏެވެ.
"ލޯބިވެވިއްޖެ"ގެ ޓީމުން މީޑިގާއި ބުނެފައިވާ ގޮތުގައި އާފްތާބް އޮލިމްޕަސް ސިނަމާއިން ދިވެހި އޯޑިއަންސާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި ފިލްމު މާލޭގެ އިތުރުން، ގދ. ތިނަދޫ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި އަޅުވާފައިވެ އެވެ. މި ފިލްމުގެ ގިނަ ޝޯތަކަކީ ހައުސްފުލް ޝޯތަކެވެ.
މީގެ އިތުރުން "ލޯބިވެވިއްޖެ" ވެގެން ގޮސްފައިވަނީ ދިވެހި ފިލްމީ ތާރީހުގައި މުޅި ސިނަމާ އެއް ރެއަށް ބުކްކޮށްގެން މީހަކު ފިލްމު ބަލަން ދިޔަ ފުރަތަމަ ފިލްމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް