ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އިންޑިއާގެ އެންމެ ޒުވާން މަޖިލީސް މެމްބަރު ރާގަވް ޗައްދާ އެންގޭޖް ވެއްޖެ އެވެ.
ރާގަވަކީ ޕަންޖާބްގެ މަޖިލީސް ރާޖްޔަ ސަބާގައި އެ ގައުމުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) ތަމްސީލް ކުރާ މެމްބަރެކެވެ. ދެމީހުންގެ އުމުރަކީވެސް 34 އަހަރެވެ.
ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމެންޓު ހަފްލާ އޮތީ ރޭ އިންޑިއާގެ މުމްބާއީގައި އެވެ. މި ހަފްލާ ވަރަށް ކުލަ ގަދަކޮށް ބާއްވާފައިވާއިރު ގިނަ ސިޔާސީ ފަރާތްތަކާއި ފިލްމީ ދާއިރާގެ މަޝްހޫރު ފަރާތްތަކެއް ބައިވެރިވި އެވެ.
އެ ހަފްލާގައި ބައިވެރިވި ފާހަގަ ކޮށްލެވޭ މީހުންގެ ތެރޭގައި ޕަރިނީތީގެ ދެބެންގެ ދެދަރި ދައްތަ ޕްރިޔަންކާ ޗޯޕްރާ، ކަރަން ޖޯހަރު، ޑިޒައިނާ މަނީޝް މަލޯތްރާ އަދި ސާނިއާ މިރްޒާ ހިމެނެ އެވެ.
މި ހަފްލާ ނިމުމާއި އެކު ދެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް އެންގޭޖްވިކަން ރަސްމީކޮށް ހާމަ ކުރި އެވެ. އަދި އެންގޭޖްމެންޓު އަނގޮޓި އާއި އެކު ދެމީހުންގެ އެކުގައި ނަގާފައިވާ ފޮޓޯތައް އާންމު ކުރުމުން މީހުންގެ ސަމާލުކަން ހުއްޓުނީ ޕަރިނީތީގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓިއަށެވެ.
އެއާއެކު ނޫސްތަކުން ވަނީ އަނގޮޓީގެ އަގު ހާމަކޮށް އާންމުންނަށް ހައިރާންކަން ގެނެސްދީފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ބޮލީވުޑް ތަރިން މިފަހުގެ ތާރީހުތަކުގައި ކުރި ކައިވެނީގެ ތެރެއިން އެ އަނގޮޓިއަކީ ދެވަނައަށް އެންމެ އަގުބޮޑު އަނގޮޓި އެވެ.
https://www.instagram.com/p/CsMCe3gIG4h/
ޕަރިނީތީ އަތުގައި އޮތް އަނގޮޓީގެ އަގު 80-90 ލައްކަ އިންޑިއަން ރުޕީސްއަށް އަރަ އެވެ. އެ ލިސްޓުގެ އެއްވަނަ ލިބެނީ ޕްރިޔަންކާ ޗޯޕްރާއަށެވެ. ޕްރިޔަންކާ، ނިކް ޖޯނަސް އާއި ކައިވެނި ކުރުމުން ދިން އަނގޮޓީގެ އަގު ދެ މިލިއަން ޑޮލަރަށްވުރެ މަތި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕަރިނީތީ އާ ރާގަވްގެ ލޯބީގެ ގުޅުމަށް ބަލާއިރު އެއީ އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން އެކުގައި މަތީ ތައުލީމު ހާސިލް ކުރި ދެމީހުންނެވެ. ދެމީހުންގެ އެކުވެރިންނަކީވެސް އެއް ބައެކެވެ.
އެކަމަކު ދެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވިތާ މާ ގިނަ ދުވަސް އަދި ނުވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
އެންގޭޖްވިޔަސް ދެ މީހުން ކައިވެނި ކުރާ ދުވަސް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް