ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި އިލެކްޝަންގެ ވޯޓު އަލުން ގުނައިދޭން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދިއްޖެ އެވެ.
މިއަދު އޮތް ބައި އިލެކްޝަންގެ ވޯޓުގައި ވާދަ ކުރީ އެމްއެންޕީގެ ފަރާތުން އާމިނަތު ޝީޒާ އާއި ޕީޕީއެމް ކެންޑިޑޭޓު ފާޓިމަތު ނާޒިމާ އެވެ. މި އިންތިހާބު ނާޒިމާ ކާމިޔާބު ކުރީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
މ ނަތީޖާ އާއި ގުޅިގެން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވިދާޅުވީ އިންތިހާބުގެ ވޯޓު އަލުން ގުނައިދޭން އެ ކޮމިޝަނުން އިލެކްޝަންސް ކޮމިޝަނުގައި މިހާރު އެދިފައިވާނެ ކަމަށެވެ. އަދި އެންމެ ވޯޓެއްގެ ތަފާތު އުޅޭތީ ނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވި އެވެ.
އިންތިހާބުގުައި ނާޒިމާއަށް ލިބުނީ 359 ވޯޓެވެ. ޝީޒާއަށް ލިބިފަވަނީ 358 ވޯޓެވެ.
މި އިންތިހާބުގައި ހަ ވޯޓުފޮށްޓެއް ވިލިމާލޭގައި ބެހެއްޓި އިރު ވޯޓު ލިމުގެ ހައްގު ލިބިގެންވާ 2،900 މީހުން ތިއްބެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.
އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް