އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓު ކުރުން މަނާކޮށްފި

އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓު ކުރުން މަނާކޮށްފި އެވެ. މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފުށް އެކްސްޕޯޓު ކުރުން މަނާ ކުރީ ވަގުތީ ގޮތުން ކަމަށެވެ. މިގޮތަށް ނިން...

14 May 2022 | 09:44

އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓު ކުރުން މަނާކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފުށް އެކްސްޕޯޓު ކުރުން މަނާ ކުރީ ވަގުތީ ގޮތުން ކަމަށެވެ. މިގޮތަށް ނިންމީ އެ ގައުމުގައި ކާބޯތަކެތީގެ މައްޗަށް ދަތީ އެކަން ކޮންޓްރޯލް ކުރުމަށެވެ.

އެ މިނިސްޓްރީން ބުނީ ކާބޯތަކެތީގެ އަގު މައްޗަށް ދިއުމަކީ އެގައުމުގެ ފުޑް ސެކިއުރިޓީ އާއި އަވައްޓެރި ގައުމުތަކަށްވެސް އެކަމުގެ ނޭދެވޭޭ އަސަރުކުރާނެ ކަމެއް ކަމަށް އެ އިއުލާާނުގައި ވަނީ ބުނެފައިވެއެވެ. މިގޮތަށް ނިންމި ނަމަވެސް އެކުރިން ވެފައިވާ އެއްބަސްުވުމުގެ ދަށުން ފުށް ފޯރުކޮށްދޭން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ގައުމުތަކަށް ފުށް އެކްސްޕޯޓު ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެކްސްޕޯޓު މަނާ ކުރި ނަމަވެސް ފުޑް ސެކުއަރކޮށްދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ އަވައްޓެރި ގައުމުތަކަށް ފުށް އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ. އެކަމަކު މި ފިޔަވަޅާއި އެކު އެ ގައުމުތަކަށް އަސަރު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ފުށް އެކްސްޕޯޓު ކުރާ އެންމެ މުހިންމު ގައުމަކީ އިންޑިއާއަށް ނުވާތީ މުޅި ދުނިޔޭގެ މާކެޓަށް މި ނިންމުމާއި އެކު އަސަރު ނުކުރާނެ ކަމަށް ވެ އެވެ. އެކަމަކު ރާއްޖެ ފަދަ ގޮދަށް ފުށް މައިގަނޑު ގޮތެއްގައި އިންޑިއާއިން އެތެރެ ކުރާ ގައުމުތަކަށް މިކަމުން އަސަރު ކުރާނެ ކަމަށްވެ އެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމާއި ގުޅޭގޮތުން މިހާތަނަށް ދިވެހި ސަރުކާރުން އެއްޗެއް ހާމައެއް ނުކުރެ އެވެ. ރާއްޖެ އަކީ އިންޑިއާއިން ހާއްސަ ހުއްދައިގެ ދަށުން ފުށް އެކްސްޕޯޓު ކުރާ ގައުމަކަށް ވާތީ މި ނިންމުމުން އަސަރު ނުކުުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް