ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިހް ޚަލީފާ ބިން ޒައިދު އާލް ނަހްޔާންގެ ޖަނާޒާގައި ބަައިވެރިވެވަޑައިގަންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ޔޫއޭއީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ދެންމެ ވިދާޅުވީ މާދަމާ މެންދުރު ފަހު ރައީސް ޞާލިޙް ޔޫއޭއީއަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ޔޫއޭއީގެ ރައީސްގެ ޖަނާޒާގެ ކަންތަކަށް ފަހު ހޯމަ ދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިހް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަކީ ދުރުވިސްނިވަޑައިގަންނަވާ ހަރުދަނާ ޝަހްސިއްޔަތެއް ކަމަށާއި އެމަނިކުފާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް