ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ނިއުޔޯކުގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މި ޗުއްޓީ ދަތުރުގައި ކެޓްރީނާ އާއި ވިކީ ވަނީ ޕްރިޔަންކާ ނިއުޔޯކުގައި ހިންގާ ސޯނާ ރެސްޓޯރެންޓަށްވެސް ގޮސްފައެވެ. ކެޓްރީނާވަނީ އިންސްޓަގްރާމުގައި ރެސްޓޯރެންޓްގެ މުވައްޒަފަކާއެކު ދެމަފިރިން ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އަދި އެ ޕޯސްޓް ޝެއަރކޮށް ޕްރިޔަންކާވަނީ ރެސްޓޯރެންޓަށް ދިޔައީތީ އުފާކޮށް މަރުހަބާ ކިޔާފައެވެ.
ދާދި ފަހުން ކައިވެނި ކުރި ކެޓްރީނާ އާއި ވިކީގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އެގޮތުން ވިކީ ފެނިގެންދާނީ ބޫމީ ޕެޑްނީކަރް އާއި ކިއާރާ އަޑްވާނީ އާއެކު ފިލްމު ގޯވިންދާ ނާމް މެރާ އާއި ސާރާ އަލީ ހާން އާއެކު ލަކްސްމަން އުޓޭކަރުގެ ފިލްމެއްގެ އިތުރުން މެގްނާ ގުލްޒާރު އުފައްދާ ފިލްމު ސެމް ބަހާދުރުން ނެވެ.
ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަލްމާން ހާންއާއެކު ޓައިގަރ 3 އާއި ސިދާން ޗަތުރުވެދީ އަދި އިޝާން ކައްޓާރު އާއެކު ކުޅޭ ބިރުވެރި މަޖާ ފިލްމު ފޯން ބޫތުގެ އިތުރުން ފަރުހާން އަހްތަރުގެ ޖީލޭ ޒަރާއިން ޕްރިޔަންކާ އާއި އާލިއާ އާއެކު ކެޓްރީނާ ފެނިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް