ވިލުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ތ. ވިލުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮ...

14 May 2022 | 07:12

ތ. ވިލުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.

ތ.ވިލުފުށްޓަކީ 2004 ވަނަ އަހަރުގެ ގެ ސުނާމީ ކާރިސާއަށްފަހު ފަޅުކުރުމަށްފަހު އަލުން 2009 ގައި އާބަދުކޮށްފައިވާ ރަށެކެވެ. މީހުން އަލުން އާބަދުކުރުމުގެ ކުރިން މި ރަށަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި، ބިން ހިއްކުމަށްފަހު ފަސްގަނޑު ވަނީ އުސްކުރެވިފައެވެ. އަދި ރަށް ވަށައިގެން 2 ކިލޯމީޓަރުގެ ރިވެޓްމަންޓްއެއް ވަނީ ޖަހާފައެވެ.

އެމްޓީސީސީން ބުނީ މިވަގުތު ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ރަށުގެ ހުޅަނގުފަރާތުގެ ބަނދަރާ ދިމާލުގައި ރިވެޓްމަންޓް ނުޖަހާ އޮތް ސަރަހައްދުގައި ކަމަށެވެ.

އެމްޓީސީސީން ބުނީ ރަށްގިރުމާއި ވަށައިގެން ރިވެޓްމަންޓް ޖަހާފައި އޮތުމުގެ ސަބަބުން ވިލުފުށީގެ ރައްޔިތުންނަށް ރީތި ގޮނޑުދޮށެއް އަދި ފަތާލާނެ ހިތްގައިމު ސަރަހައްދަކުން ވަނީ މަޙްރޫމުވެފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 3,047 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 1,869 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު

ފުންކުރުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 184 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓް ޖެހުމާއި ފަތާ ސަރަޙައްދު ވަކިކުރުމަށް ބެރިޔަރ ފްލޯޓްސް އެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މި މަޝްރޫޢުއަކީ 11,1 މިލިޔަން ރުފިޔާ ހަރަދުކޮށްގެން 130 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢު ނިމުމާއިއެކު ރަށްގިރުމުގެ ސަބަބުން ތ.ވިލުފުށީ ރައްޔިތުންނަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އަދި، ރަށުގެ ގޮނޑުދޮށް ހިމާޔަތްވުމުގެ އިތުރުން މި މަޝްރޫޢު ނިމިގެންދާއިރު ވިލިފުށި ރައްޔިތުން ބޭނުންވާ، އަދި ހިތްހަމަޖެހޭފަދަ ފަތާ ސަރަޙައްދެއްވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން ވަނީ ފުރިހަމަކޮށްފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ

ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް