އަތޮޅުތެރޭގެ ފެރީ ޝެޑިއުލަށް ބަދަލުއަތުވެދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެދިއެވެ.
އެމްޓީސީސީއިން ބުނީ، ރާއްޖޭގެ ކަނޑު ގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފުކުރެއްވުމަށް އެމްޓީސީސީއިން އެދިފައިވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްޓީސީސީއިން އިލްތިމާސް ކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މި އަންނަ ވިއްސާރައަކީ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރުކަމުގައި މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވެސް އިލްތިމާސް ކޮށްފައިވެއެވެ.
މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު، މެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް