ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން އެނގިވަޑައިގަތުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
އިލްޔާސް މިހެން ވިދާޅުވީ ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް ކޮންމެސް ވަރަކަށް ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި އެވެ.
އިލްޔާސް ވިދާޅުވީ އެ މައުލޫމާތު ލިބުމުން އެންމެ ފުރަތަމަ އެކަން ހިއްސާ ކުރެއްވީ ރައީސް ނަޝީދާއި ކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓަރު މާރިޔާ އާއި އެ މައުލޫމާތުގެ ތަފްސީލް ހިއްސާ ކުރެއްވީ ނަޝީދުގެ އިރުޝާދާއި އެކު ކަމަށެވެ.
ބަޔާނުގައި އިލްޔާސް ވިދާޅުވީ ޑިފެންސް މިނިސްޓަރާއި އެ މައުލޫމާތު ހިއްސާ ކުރީ ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާއަކީ ގާނޫނީގޮތުން އެ މިނިސްޓްރީ އަދާ ކުރަންޖެހޭ ޒިންމާއަކަށް ވާތީ ކަމަށެވެ. އެކަމަކު ލިބުނު މައުލޫމާތުގެ ތަފްސީލް ދެއްވުމުން އެ މައުލޫމާތު ފުލުހުންނާއި ކޮމިޝަނާ އޮޕް ޕޮލިހާއި ހިއްސާ ކުރުމަށް މާރިޔާ ނާންގަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މައްސަލައާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކޮށް އެ މައުލޫމާތު މީޑިއާގައި ބަހުސް ކުރުމަށް ހުޅުވާލުމަކީ ޒިންމާދާރު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގަށް ދޭންޖެހޭ މައުލޫމާތާއި އެއްބާރުލުން ދެމުންދާ ކަމަށެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައި އެވެ. އެ އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އިއްޔެ ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފަ އެވެ.
މި މައްސަލައިގަ މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް