ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ގެއްލުންވަމުން އެބަދެ އެވެ.
ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. މެޓް އޮފީހުން ވިދާޅުވީ މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެ އާއި ދުރަށްކަމަށާއި، އެ ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދެމުންދާކަމަށެވެ.
އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ޞަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރުގެތެރޭގައި އެންމެ ވައިގަދަވިކަމަށް ރެކޯޑްކުރެވިފައިވަނީ ހދ ކުޅުދުށްފުށީ ސިޓީއަށެވެ. އެރަށް އާއްމުގޮތެއްގައި ވައިގެ ބާރުމިން 28 މޭލުގައި ހުރި އިރު ކޮޅިގަނޑުގައި ވައިގެ ބާރުމިން ހުރީ 62 މޭލުގައެވެ. ކުޅުދުއްފުޓަށް ޖެހުނު ބާރު ވަޔާއިއެކު އެރަށަށް ވަނީ ބައެއް ގެއްލުންތައްވެފައެވެ. އެގޮތުން ކުޅުދުއްފުށިން ގެއެއްގެ ފުރާޅު އެއްލާލާ، ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ތިން ބުރި އިމާރާތުގެ ފުރާޅުން ބައެއް ނެއްޓިގެން ވަނީ ރިޕޯޓްކޮށްފައެވެ.
މި ވިއްސާރައިގައި ހދ. ވައިކަރަދޫއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ވައިކަރަދޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 1000 އަށްވުރެ ގިނަ ގަސް ވެއްޓިފައިވެއެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ވައިކަރަދޫއަށް ދިމާވި މިކާރިސާއާއި ގުޅިގެން ދަނޑުވެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެއިތުރުން ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައި ވެއެވެ.
ވައިކަރަދޫގެ އިތުރުން ހދ ނެއްލައިދޫއަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެރަށުގެވެސް ބައެއް ގޭގެއާއި އޮޑި ހަރުގެތަކުގެ ފުރާޅު އެއްލާލުމުގެ އިތުރުން ވަރަށް ގިނަ ގަސްވެއްޓިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ލ. ކައްދޫއަށެވެ. އެރަށަށް 59.0 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް