ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުއްޓަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ހޯރަފުއްޓަށް އުދައަރާއި ބައެއް މީހުންގެ މުދަލާއި ތަކެއްޗަށް ވެސް ގެއްލުން ވެފައިވާއިރު މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އުދަ އެރުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާ ކަަމަށެވެ. އަދި ރަށުގެ ދެކުނުގެ ހުރިހާ މަގެއްގައި، ޚާއްސަކޮށް ހެލްތް ސެންޓަރު ހުންނަ މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މުހައްމަދު ވަހީދު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލައިފައިވާ ކަމުގެ މައުލޫމާތު ލިބެމުން ދާކަމަށާއި އެއްގަމުގައި ހުރި ބައެއް އޮޑި ދޯނި ފަހަރާ ފައިބަރު ދޯނި މޫދަށް ފައިބައިފައިވާ ކަމަށެވެ. އަދި މި ދޯނިތަކަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭގެ މެންދަމު ވަގުތުގައި ރަންވޭއަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި އެއަަރޕޯޓަށް ދާ ހައިވޭއަށް ވެސް އުދައިގެ ސަބަބުން ބޮޑެތި އަސަރު ތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯރަފުށީގެ އިތުރުން އެ އަތޮޅު ތުރާކުނަށް ވެސް ވަނީ އުދައަރައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައެވެ.
މިހާރު ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް ވެސް މޫސުން ގޯސްއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
މެޓު އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ވައިގަދަވެ ކަނޑުތައް ވަރަސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށިގެންވާކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް