ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒް ލަސް ކުރުމުން އެންޓި ބޮޑީސް އުފައްދާ މިންވަރު އަވަސް

ކޯވިޑް-19 އަށް ބޭނުން ކުރަމުންދާ ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒު 12 ހަފްތާއަށް ލަސް ކުރުމުން، އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީސް އުފައްދާ މިންވަރު 3.5 ގުނަ އިތުރު ވެގެންދާ ކަމަށް އިނ...

14 May 2021 | 08:47

ކޯވިޑް-19 އަށް ބޭނުން ކުރަމުންދާ ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒު 12 ހަފްތާއަށް ލަސް ކުރުމުން، އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީސް އުފައްދާ މިންވަރު 3.5 ގުނަ އިތުރު ވެގެންދާ ކަމަށް އިނގިރޭސީވިލާތުގެ ދިރާސާއަކުން ދައްކައިފިއެވެ.

އެންޓި ބޮޑީސްއަކީ ވައިރަހާއި ބެކްޓީރިއާ އަދި ފަންގަސްފަދަ ނުރައްކާތެރި މާއްދާތަކާއި ހަނގުރާމަ ކުރުމަށް އިންސާނުންގެ ދިފާއީ ނިޒާމުގައި އުފައްދާ ޕްރޮޓީންތަކެކެވެ. އިނގިރޭސިވިލާތުން ހުކުރު ދުވަހު އާންމު ކޮށްފައިވާ ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ލަސް ކުރުމުން، މިފަދަ އެންޓި ބޮޑީޒް ދިފާއީ ނިޒާމުން އުފައްދާ މިންވަރު އަވަސް ވެގެން ދެއެވެ.

މިއީ ފައިޒާ ވެކްސިންގެ އެންމެ ފުރަތަމަ ކްލިނިކަލް ޓްރަޔަލް ތަކާއި، މިހާރު މި ވެކްސިން ދެމުން އަންނަ ގޮތާއި ސީދާ އަޅާ ކިޔާފައިވާ ފުރަތަމަ ދިރާސާއެވެ. ކްލިނިކަލް މަރުހަލާގައި މި ވެކްސިން ދީފައިވަނީ ތިން ހަފްތާގެ މުއްދަތެއް ދެ ޑޯޒުގެ ދެމެދުގައި ހިމަނާފައެވެ.

ނަމަވެސް މިހާރު އަންނަނީ މި މުއްދަތު އިތުރުކޮށް، ދެ ޑޯޒުގެ ދެމެދުގައި 12 ހަފްތާގެ މުއްދަތެއް ދޫ ކުރަމުންނެވެ. ހައި ރިސްކު މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީސް އުފެދުން އަވަސް ކުރުމަށްޓަކައި ފައިޒާ ވެކްސީންގެ ދެ ޑޯޒު ދެމެދުގައި 12 ހަފްތާގެ ލަސް ކުރުމެއް ބެހެއްޓުމަށް އިނގިރޭސިވިލާތުގެ އޮފިޝަލުން  ބާރު އަޅައެވެ.

އިނގިރޭސިވިލާތުން ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒާއި ދެމެދު 12 ހަފްތާއަށް ލަސް ކުރަން ނިންމުމާއި ގުޅިގެން، ކުރިން ފައިޒާ އާއި އެ ވެކްސިންގެ ޕާޓްނަރު ބަޔޯއެންޓެކް އިން ބުނެފައިވަނީ އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅަކީ އެއްވެސް ޑާޓާއަކަށް ބިނާކޮށް އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށެވެ. ނަމަވެސް އާންމު ސިއްޙީ (ޕަބްލިކް ހެލްތު) ކޮންސިޑަރޭޝަންތައް ބަލައި ގަންނާނެ ކަމަށްވެސް ފައިޒާއިންވަނީ ބުނެފައެވެ.

ޔުނިވާސިޓީ އޮފް ބަރމިންހަމްއިން ޝާޢިއު ކޮށްފައިވާ މި ދިރާސާގެ މުސައްނިފު ހެލެން ޕެރީ ވިދާޅުވަނީ، އެ ޓީމުގެ ދިރާސާއިން ދައްކާ ގޮތުގައި، އެންޓި ބޮޑީސް ހަށިގަނޑުގައި އުފެއްދުން އެންމެ ބޮޑަށް އިތުރު ވެފައިވަނީ މުސްކުޅި އުމުރު ފުރައިގެ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒު ދިނުން 12 ހަފްތާއަށް ލަސް ކުރުމުން ކަމަށެވެ. މި ދިރާސާގައި 80 އަހަރާއި 99 އަަހަރުގެ 175 މީހަކުވަނީ ބައިވެރި ކޮށްފައެވެ. 12 ހަފްތާއަށް 2 ވަނަ ޑޯޒު ލަސް ކުރުމުން މި ހުރިހާ މީހުންގެވެސް އެންޓި ބޮޑީސް އުފެދޭ މިންވަރު 3.5 ގުނަ އިތުރު ވެފައިވާ ކަމަށް ދިރާސާއިން ދައްކައެވެ.މި ދިރާސާ އަދި ޕިއަރ ރިވިއު ކުރެވިފައެއް ނުވެއެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމުގައި އެންޓި ބޮޑީޒް އުފެއްދުމުގެ އިތުރުން، ވެކްސިންގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ޓީ ސެލްވެސް އިތުރު ވެގެން ދެއެވެ.ޓީ ސެލްއަކީ ދިފާއީ ނިޒާމުގައި ހުންނަ ވައިޓް ބްލަޑް ސެލްގެ ވައްތަރެކެވެ. ޓީ ސެލްތަކަކީ ވައިރަސްގެ އަސަރު ކޮށްފައި ހުންނަ އިންފެކްޓެޑް ސެލްތަކަށް ސީދާ ހަމަލާދޭ ސެލް ތަކެވެ.ނަމަވެސް ޓީ ސެލް އިތުރުވަނީ ފައިޒަރ ވެކްސިންގެ ދެވަނަ ޑޯޒު 3 ހަފްތާގެ ތެރޭގައި ދިނުމުން ކަމަށް ދިރާސާއިން ދައްކައެވެ. އެހެން ކަމުން، ވެކްސިންގެ ޑޯޒުތައް ތާވަލު ކުރެވިފައިވާ ގޮތުގެ ސަބަބުން ވެކްސިން ޖަހާފައިވާ މީހުންނަށް ރައްކާތެރި ކަން ލިބިފައިވަނީ ކިހާ މިންވަރަކަށް ކަމެއް ސީދާ ކަނޑަނޭޅޭނެ ކަމަށްވެސް މި ދިރާސާގެ މުސަނިއްފުން ބުނެއެވެ.

އެއް ކުރެވިފައިވާ މައުލޫމާތުގެ އަލީގައި އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ބުނީ، ފައިޒަރ ވެކްސިންގެ އެއް ޑޯޒު ފުރިހަމަ ކުރުމުންވެސް ބަލީގައި އެނދުމަތި ކުރަން ޖެހުން މަދުވެ، ކޮވިޑު 19 ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަވެގެން ދާ ކަމަށެވެ.އެހެން ކަމުން، ދެވަނަ ޑޯޒު ދިނުން ފަސްކުރަން އިގިރޭސި ވިލާތުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެ ޤައުމުގެ ޕަބްލިކް ހެލްތުންވަނީ ބުނެފައެވެ.

މިހާތަނަށް ކޮވިޑު 19ގެ ވެކްސިން ފުރިހަމަ ކޮށްފައިވަނީ ދުނިޔޭގެ އާބާދީގެ 4.3 އިންސައްތައެވެ.އެއީ 333 މިލިއަން މީހުންނެވެ.ދިވެހި ރާއްޖޭގައި ފައިޒަރ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. ރާއްޖެއަށް ލިބިފައިވާ 5500 ޑޯޒުގެ ފައިޒަރ ވެކްސިން ދެނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށްވެފައިވާ މީހުންނަށެވެ.އަދި ފައިޒަރ ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަން ދޭނެ ކަމަށްވެސް އޭރު އެޗްޕީއޭއިން ބުނެފައި ވެއެވެ. ރާއްޖޭގައި ވެެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު ވަނީ 140،000 އަށް ވުރެ މައްޗަށް އަރާފައެވެ.އަދި ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންގެ އަދަދު 302،482އަށް ވަނީ އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް