އދ ގެ ސަލާމަތީ މަޖިލީހުން އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައާއި ގުޅޭ ގޮތުން ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ލަސްކޮށްފިއެވެ. މި ބައްދަލުވުން ލަސްކޮށްފައި ވަނީ އެމެރިކާއިން ހުކުރު ދުވަހުގެ ބައްދަލު ވުމުގައި ބައިވެރިވާން އުޒުރުވެރި ވުމާއި އެކުގައެވެ.
އެމެރިކާއިން ހުކުރު ދުވަހުގެ ބައްދަލުވުން އަންނަ ހަފްތާއަށް ބަދަލު ކުރަން ހުށަހަޅާފައި ވަނިކޮށް، ޓިއުނީޝިއާ، ނޯރވޭ އަދި ޗައިނާއިން ވަނީ މި ބައްދަލުވުން ވީހާވެސް އަވަހަކަށް ބޭއްވުމަށް އެދިފައެވެ. އަދި މި ބައްދަލުވުން މިހާރުވަނީ އާދިއްތަ ދުވަހަށް އަނެއްކާވެސް ތާވަލު ކޮށްފައެވެ. ހުކުރު ދުވަހުގެ ބައްދަލުވުން ކެންސަލް ކުރަން އެމެރިކާއިން ނިންމީ، ބައްދަލުވުމަށް ހުރަސް އެޅުމަށް ނޫން ކަމަށާއި، ސުލްޙަވެރި ވާހަކަތައް ކުރިއަށް ގެންދިއުމަށް ދެ ޤައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.އަދި ހުޅުވާލެވިފައިވާ މަޝްވަރާތަކަށް ތަރުހީބު ދެއްވާ ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު، އެންޓޮނީ ބްލިންކެންވަނީ ވިދާޅުވެފައެވެ.
މިވަގުތުވެސް އިސްރާއީލުން ހުއްޓާ ނުލައި ގެންދަނީ ފަލަސްޠީނަށް ހަމަލާ ދެމުންނެވެ.އަދި މި ދެ ޤައުމުގެ ދެމެދު ސުލްހައިގެ ވާހަކަތަކެއް މިހާތަނަށް ފެށިފައި ނުވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.އެމެރިކާއަކީ އިސްރާއީލުގެ އެންމެ ގާތް ރަޙުމަތްތެރި ޤައުމު ކަމަށްވާއިރު، އެމެރިކާއިންވަނީ އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ދިފާއު ކޮށްފައެވެ. މި ހަމަލާތައް ދިފާއުކޮށް އެމެރިކާއިން ބުނެފައިވަނީ، އިސްރާއީލުން ހަމަލާތައް ދެނީ ފަލަސްޠީނުގެ ހަމާސް ޖަމާޢަތުން އިސްރާއީލަށް ރޮކެޓު ހަމަލާތައް ފޮނުވަމުން ގެންދާތީވެ ކަމަށެވެ. ހަމަ މިއާއިއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންވަނީ ގިނަ އަދަދެއްގެ ފަލަސްޠީނުގެ އާންމުން މި ހަމަލާތަކުގައި ޒަޚަމް ވަމުން ދިއުމާއި އެކު، ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ކަންބޮޑުވުމާއިއެކު، އިސްރާއީލުންވަނީ ޤުދުސްގެ ޝެއިޚް ޖައްރާޙް ސަރަޙައްދުން ގަދަ ކަމުން ފަލަސްޠީނު ރައްޔިތުންގެ ބިންތައް އަތުލުން ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.
އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުންތައް ކޮވިޑު-19ގެ ސަބަބުން އޮންލައިންކޮށް ކުރިއަށް ގެންދާ ނަމަވެސް،އެ މަޖިލީހުގެ 15 މެންބަރު ޤައުމުގ ތާއީދު މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ބޭނުން ވެއެވެ. މިފަަހަރުގެ ސަލާމަތީ މަޖިލީހުގެ އަމާޒަކީ ފަލަސްޠީނާއި އިސްރާއީލާއި ދެމެދު އުފެދިފައިވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމެވެ. ގިނަ ކުޑަކުދިންނާއި އަންހެނުންގެ ފުރާނަ ގެއްލެމުންދާ މި ހަމަލާތައް ހުއްޓުމަކަށް ގެންނަން ބޭނުންވާ ކަމަށް އެމެރިކާއިން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ.
ހުކުރު ދުވަހު ބާއްވަން ކުރިން ހަމަޖެހިފައިވާ އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ފަސް ކުރެވިފައި ވާއިރު،އިސްރާއީލުން އަންނަނީ ހުކުރު ދުވަހު ޣައްޒާއަށް އެއްގަމު މަގުން ހަމަލާ ދިނުމަށް ތައްޔާރު ވަމުންނެވެ. އިސްރާއީލު އަސްކަރިއްޔާގެ ގިނަ ލަޝްކަރުތަކެއް މިހާރުވަނީ ޣައްޒާގެ ބޭރަށް ޖަމާވާން ފަށާފައެވެ.އިސްރާއީލުން އެންމެ ފަހުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެފައި ވަނީ 2014 ވަނަ އަހަރު ގައެވެ. އެ ފަހަރު، ހާހަކަށްވުރެ ގިނަ ރައްޔިތުންނެއް ޒަޚަމްވެ، ގިނަ ބަޔަކު މަރުވެފައި ވެއެވެ.
މިހާރު އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައިވެސް 113 ފަލަސްޠީނުގެ ރައްޔިއްތުން މަރުވެ، ފައްސަތޭކައަށް ވުރެ ގިނަ ރައްޔިތަކުވަނީ ޒަޚަމް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް