ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ގަދަވަޔާއި އެކު ހއ. ހޯރަފުށީ އެއާޕޯޓުގެ ބިއްލޫރި ދޮރުތައް ވެއްޓި ބޮޑެތި ގެއްލުން ވެއްޖެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރެވެ. އިއްޔެ ރެއިން ފެށިގެން ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓު ނެރެފައި އޮތުމަށް ފަހު އިއްޔެ ހަވީރު އޮތީ އެ ސަރަހައްދުގެ ރަށްތަކަށް އޮރެންޖު އެލާޓު ނެރެފަ އެވެ.
ގަދަ ވަޔާއި އެކު އެއާޕޯޓުގެ ބިއްލޫރި ދޮރުތައް ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެވެ. އެ ވަގުތުގައި އެ ސަރަހައްދުގެ ރަށްތަކަށް 60 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން އޮތީ ލަފާކޮށްފަ އެވެ.
ހޯރަފުށީ ކައުންސިލުން މީޑިއާގައި ބުނީ އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ދޮރު ވަނީ ވެއްޓި ތަޅައިގެން ގޮސްފައެވެ. އަދި އެއާޕޯޓުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގެ ސީލިންގްވެސް ވެއްޓިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ހަލާކުވި ދޮރުތައް މަރާމާތުކޮށް އަލުން ހަރުކުރުމުގެ މަސައްކަތް މިއަދު ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެ މަސައްކަތް ފެށޭނީ މޫސުން ރަނގަޅު ނަމަ މިއަދު ހދ. ކުޅުދުއްފުށީ ސިޓީގައި ތިބި އެމްޓީސީސީ މުވައްޒަފުންނަށް އެ ރަށަށް ދެވިގެން ކަމަށެވެ.
ވަގުތީ ހައްލެއްގެ ގޮތުން ވެއްޓުނު ދޮރުތަކާއި ދިމާލުގައި ވަނީ ވައި އެޅުން ހުއްޓުވުމަށް ފެންސެއް ޖަހާފައި އެވެ. މި މަސައްކަތް ކުރީ އެ ރަށުގެ ބަނދަރު މަސައްކަތް ކުރަން ގޮސްތިބި އެމްޓީސީސީ މުވައްޒަފުންނެވެ.
މިހާރުވެސް ހއ. ހިމެނޭހެން ވ. އަތޮޅާއި ހިސާބަށް އޮތީ މޫސުން ގޯސް ވާނެތީ ޔެލޯ އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި އާންމުގޮތެއްގައި އެ ސަރަހައްދުގެ ރަށްތަކަށް 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމާއި ގަސްތައް މުހުން ލުހުމުގެ ހާދިސާތައް އެކި ރަށްރަށުގައި ދަނީ ކުރިމަތިވަމުންނެވެ. މެޓް އޮފީހުން މިދިޔަ ބުރާސްފަތ ދުވަހު ބުނީ މި ވިއްސާރަ ފަސް ދުވަހަށް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް