މާތް ވެގެންވާ ހުކުރު ދުވަހު ޣައްޒާއަށް އެއްގަމު މަގުން ޙަމަލާދޭން އިސްރާއީލުން ތައްޔާރުވާން ފަށައިފި

ޣައްޒާއަށް އެއްގަމު މަގުން ޙަމަލާ ދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާ ތައްޔާރުވާން ފަށައިފިއެވެ. ބައިނަލްގައުވާމީ މީޑިއާ ރިޕޯޓުތައް ބުނާޣޮތުގައި ކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިންގެ ގިނަ އަދަދެއް...

14 May 2021 | 06:33

ޣައްޒާއަށް އެއްގަމު މަގުން ޙަމަލާ ދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާ ތައްޔާރުވާން ފަށައިފިއެވެ.

ބައިނަލްގައުވާމީ މީޑިއާ ރިޕޯޓުތައް ބުނާޣޮތުގައި ކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ލަޝްކަރުތައް ދަނީ ހުކުރު ދުވަހުގެ ހެދުނުން ފެށިގެން ޣައްޒާގެ ސަރަޙައްދަށް ޖަމާ ވަމުންނެވެ. އެކަމަކު ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތާއި ޚިލާފަށް، އަދި މިހާތަަނަށް ޣައްޒާއަށް ބިމުގެ ޙަމަލާތަކެއް އިސްރާއީލުން ދީފައި ނުވާ ކަމަށް އަލް ޖަޒީރާއިން އެ ސަރަޙައްދުގައި ހުރި ނޫސްވެރިޔާ ވަނީ ރިޕޯޓު ކޮށްފައެވެ.

އެއްގަމު މަގުން ހަމަލާއެއް ދިނުމަކީ ވަރަށް ބޮޑެތި ތައްޔާރީތައް ވެގެން ނޫނީ ދިނުން އުނދަގޫ ހަމަލާތަކެއް ކަންވެސް އެ ނޫސްވެރިޔާ ވަނީ ފާހަގަ ކޮށްފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިންވެސް ވަނީ އަދި އެއްގަމު މަގުން ޙަމަލާތައް ފަށާފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރުވެސް މެދުކެނޑުމެެއް ނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޮން އަޅާ، ވައިގެ ޙަމަލާތަކެއް އިސްރާއީލުން އަންނަނީ ދެމުންނެވެ.

މި ޙަމަލާތަކުގައި ހުކުރު ދުވަހު ފަލަސްޠީނުގެ އަންހެނަކާއި އޭނާގެ ތިން ދަރިން ޝަހީދުވެފައި ވާއިރު، ފާއިތުވެ ދިޔަ ދުވަސްތަކުގެ ޙަމަލާތަކުގައި މިހާ ތަނަށް ފަލަސްޠީނުގެ 113 މީހަކުވަނީ އިސްރާއީލުން މަރާލާފައެވެ. މީގެ ތެރޭގައި 31 ކުޑަ ކުދިން ހިމެނެއެވެ.

އަދި ޢީދު ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 580 މީހަކު ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން ފަލަސްޠީނުގެ ޣައްޒާއިންވެސް އަންނަނީ އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ފޮނުވަމުންނެވެ. އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް ސަތޭކައަށް ވުރެ ގިނަ ރޮކެޓް ހަމަލާތައް ޣައްޒާއިން ދީފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ. މި ޙަމަލާތަކުގައި އިސްރާއީލުގެ ހަ ރައްޔިތަކާއި އިންޑިއާ ރައްޔިތަކުވަނީ މަރުވެފައެެވެ.

މީގެ އިތުރުން، އިސްރާއީލުގެ ޔަހޫދީންނާއި ފަލަސްޠީނުގެ އާންމުންނާއި ދެމެދުވެސް އަންނަނީ ގިނަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. މިއީ، އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅެމުންދާ ފަލަސްޠީނު ރައްޔިތުން ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. ރޭގެ ވަގުތެއްގައި ލުބުނާނުންވެސް އިސްރާއީލަށް އަމާޒުކޮށް ތިން ރޮކެޓު ޙަމަލާވަނީ ދީފައެވެ.

އިސްރާއީލުން 2014 ވަނަ އަހަރުވެސް ވަނީ އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖެމިން ނަތަންޔާހޫގެ އަމުރާއެކު، މިފަދަ ބިމުގެ ޙަމަލާތަކެއް ޣައްޒާއަށް ދީފައެވެ. އަދި މި ޙަމަލާތަކުގައި ފަލަސްޠީނުގެ ކުށެއްނެތް ހާހެއްހާ ރައްޔިތުން ޝަހީދު ކޮށްލާފައިވާ އިރު މީގެ ތެރެއިން ގިނައީ ޣައްޒާގެ ރައްޔިތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް