ޒާރާގެ މޫނާ ދިމާއަށް ގުދުވެގެން ހެވިފައި އޮތް މީހާގެ އަނގައިން ބޭރުވެގެންދިޔަ ބަސްތަކާއެކު ޒާރާގެ މޫނަށް އެޅުނު ނޭވާއިން ދުވި ނުބައިވަހެއްގެ ސަބަބުން ނޭވާ ކުރުވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި އަތުން ޖަހާ އޭނާގެ އަތް ދުރަށް ފޮޅުވާލިއެވެ.
''މަންޖޭ ... އަދިވެސް ތިއުޅެނީ ގަދަ ދައްކަންތަ....ކީއްވެ ޖެހީ... ކީއްވެހޭ ޖެހީ.....'' ތިންވަނަ މީހާ ޒާރާގެ އަތުގައި ހިފާ ދަމައިގަންނަމުން ހަޅޭލަވައިގަތެވެ.
ޒާރާ ބިރުން އިސްޖަހާލެވުނު އިރު ގިސްލާ ރޮވެއެވެ.
''މީ ކޮންކަމެއް..؟.... " ވަރަށް ގާތުން ފިރިހެނެއްގެ އަޑުއިވުނެވެ. އިވުނު އަޑަށް ސަމާލުކަން ހުއްޓުމާއެކު ޒާރާ ގާތަށް ގުދުވެގެން ތިބި މީހުން އެއްފަރާތަށް ޖެހިލިއެވެ. ޒާރާއަށް އިސްއުފުލާ ބަލާލެވުނީ އަޑު އައި ދިމާއަށެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން އެތެރެއަށް ވަދެގެން އައީ ފުލުހުންގެ ޔުނިފޯމުގައި ތިބި ދެ ޒުވާނުންނެވެ. އެކި މީހުން އެކި ގޮތަށް ފުލުސްމީހާއަށް އެކަން ހިނގިގޮތް ކިޔައިދެމުން ދިޔައިރު ޒާރާގެ ދުޅަވެފައިވާ ފައިތިތައިގައި ހިފަހައްޓާލައިގެން ފެންގަނޑުގެ ތެރޭގައި އިނދެ ގިސްލެވުން ނޫންކަމެއް އޭނާއަކަށް ނުކުރެވެއެވެ. ދެފުލުހުންގެ އެހީތެރިކަމާއެކުގައި ޒާރާ ކޮޅަށް ނަގައިގެން ދާދި ގާތުގައި މަޑުކޮށްފައިވާ ފުލުހުންގެ ވެހިކަލަށް ޒާރާ އެރުވިއެވެ. އަނދިރިކަމުންނާ އެއްވެފައިވާ މީހުންގެ ގިނަކަމާއި ކަން ދިމާވިގޮތުން ޒާރާ އިނީ ގަނޑުވެފައެވެ. މަޑުމަޑުން ގިސްލުމެއްގެ އަޑު އިސްޖަހާލައިގެން އިން މައުސޫމު ޒާރާގެ އަނގައިން ބޭރުވަމުން ދިޔައެވެ.
އައިޖީއެމް ހޮސްޕޓަލުގެ ޕޯޓިކޯއަށް ވެހިކަލް މަޑުކުރުމާއެކު، އެތަނުން ދުއްވާ ގޮނޑިއެއްގައި ޒާރާ ގެންދިޔައީ އަވަސްފަރުވާދޭ ބަޔަށެވެ. ފައިގެ އެކްސްރޭ ނެގުމާއި ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ނިމެންދެން ނަރުހުންގެ އެހީތެރިކަން ލިބުނެވެ. ފައިތިލަ ބެންޑޭޖް އެޅުމަށްފަހު ގެއަށް ދިއުމުގެ ހުއްދަ ލިބުމާއެކު ޒާރާ އަށް ވަށައިގެން ހޯދާލެވުނީ އޭނާ ދަންނަ އެއްވެސް މީހަކު އެތަނުގައި ހުރިތޯއެވެ. ފަހަރެއްގައި އޭނާގެ ތިމާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް ގުޅާ މިޚަބަރު ދީފައި އޮވެދާނެ ކަމަށް ހީކުރެވުނީތީއެވެ.
ދަންނަ އެއްވެސް މީހަކު ފެންނަން ނެތުމުން ޒާރާ ބޭނުންވީ އޭނާގެ ރޫމްމޭޓް އަޒުރާ އަށް ގުޅާށެވެ. ދަބަހާއި ފޯނު ވީތަނެއް ޒާރާއަކަށް ނޭގެއެވެ. ކަންބޮޑުވުމާ ހާސްކަމާއެކު ކައުންޓަރ ކައިރިއަށް ދިއުމަށްޓަކައި ޒާރާ ބިންމަތީގައި ފައިއަޅާ އިންތަނުން ތެދުވަން މަސައްކަތް ކުރިއެވެ. ފައިގެ ރިހުން ހުރިވަރު އަންދާޒާ ނުކުރެވި ކޮޅަށް ތެދުވިއެވެ. ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ރަނގަޅަށް ބިންމަތީގައި ފައި އެޅުންވީ އުނދަގޫ ކަމަކަށެވެ.
''ޒާރާ.....''ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ނުހަނު ގާތުން ޒާރާ ގެ ނަމުން މީހަކު ގޮވާލުމުންނެވެ.
ޒުވާނާ ހުއްޓުނީ ޒާރާގެ ކުރިމަތީގައެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ ޒާރާގެ ރީތި ދެލޮލަށެވެ. އެސްފިޔަ ޖަހާލަން ނޭގިފައި ޒާރާއަށް އިދެވުނީ ޒުވާނާގެ ލޮލުގައިވާ މަސްތީ ވިދުވަރުގެ ސަބަބުންނެވެ.
ރީތި ސާފު އަސަރުގަދަ ދެލޮލެވެ. ކުރުކޮށް ކޮށާފައިވާ ތުނބުޅީގެ ސަބަބުން ޒުވާނާގެ ފިރިހެންވަންތަ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ދެތުންފަތުގައި ކުޅެމުންދާ ހިނިތުންވުމަކީ، ފެންނަ ކޮންމެ އަންހެންކުއްޖެއްގެ ހިތަށް ލޮޅުން އަރުވާލާފަދަ އަސަރުގަދަ ހިނިތުންވުމެކެވެ. ތުނިކޮށް ކޮށާފައިވާ އިސްތަށިގަނޑުގެ ތެރެއިން ފެންތިކިތައް ވިދަމުން ތިރިއަށް ސޮހެމުން ދާގޮތުން ހަމަ ދެންމެ ވާރޭ ތެރެއިން އައިކަން ހާމަވެއެވެ.
''ހަލޯ.....'' ޒުވާނާ ޒާރާގެ މޫނުމަތިން އަތްތިލަ ދެކޮޅަށް ހޫރާލިއެވެ. ޒާރާ އަވަސް އަވަހަށް އެސްފިޔަތައް ތަޅުވާލުމަށްފަހު އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
''ތޭންކްސް..." ޒާރާގެއަޑު ނިކުތީ ނުހަނު އުނދަގުލުންނެވެ.
''ހިނގާ ގެއަށްދާން.. ޒާރާ ގެއަށް ލާފަދާންވެގެން އަހަރެން މި މަޑުކުރީ..'' ފުލުހުންގެ ވޯކިން ޑްރެސްގައި ހުރި ޒުވާނާ ސާބިތުކަމާއެކު ބުނެލިއެވެ.
ޒާރާގެ ނަން ޒުވާނާއަށް އެނގުނީ ކިހިނެއްބާވައެވެ. ޒާރާ ވިސްނާލިއެވެ.
''ރައްޓެއްސަކަށް ގުޅާލައިގެން ޓެކްސީއެއްގައި ހިނގައިދާނަން.... '' ޒާރާ ކަންބޮޑުވީ ނުވެސް ދަންނަ މީހަކާއެކު ދާންޖެހޭތީއެވެ. ޒާރާއަކީ އެހެން ޒުވާން އަންހެން ކުދިން ފަދައިން މާގިނައިން ބޭރަށްގޮސް އުޅޭކުއްޖެއް ނޫނެވެ. އަދި އަމުދުން ނުދަންނަ މީހުނާ ވާހަކަ ދެއްކުމަކީ ވެސް ޒާރާ ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މިފަދަ ވަގުތެއްގައި ނުވެސް ދަންނަ ފިރިހެނަކަށް އިތުބާރުކޮށް އޭނާ އާއެކު ދާން ޖެހިލުން ވަނީއެވެ.
'' މިއޮތީ ދަބަސް... ފޮތްތައް ހުރީ ވަރަށްބޮޑަށް ތެމިފައި...ދަބަސް ތެރޭގައި ފޯނާ ވޮލެޓް އޮންނާނެ. އެ އެއްޗިހި ހުރީ ވަރަށް ބޮޑަށް ތެމިފައި. އެއްޗިހި ހަމަތޯ ބަލާލަންވީނު...... " ޒުވާނާ ބުނެލީ ނުހަނު މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކުގައެވެ. ޒާރާއަށް އެޒުވާނާއާއި ހަތަރުކަޅި ހަމަ ކޮށްލެވުނެވެ. އެހިނދު ޒާރާގެ ހަށިގަނޑުގައި ފިނި ރާޅެއް ދަތުރުކޮށްލިކަމުގައި އޭނާއަށް އިހްސާކުރެވުނެވެ. އަތްފައި ފިނިވިއެވެ. އެ ލޮލުގެ ޖަޒުބާތުގައި ޒާރާ ބެހެމުންދާފެށިއެވެ.
''ޒާރާ ..ދަބަސް ....'' ބެހެމުންދިޔަ އޮއިވަރުގެ ތެރެއިން ޒާރާ ސަލާމަތް ވަމުން ޒާރާ ދަބަހުގައި ހިފިއެވެ. ދަބަސް ތެރެއިން ފޯނު ނެގިއެވެ. ޒާރާ ފޯނުހުޅުވަން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ފެންއެޅުމުގެ ސަބަބުން ފޯނު ހުޅުވޭގޮތެއް ނުވިއެވެ.
''އަން....'' ޒުވާނާ އޭނާގެ ޖީބުގައިވާ ފޯނު ނަގާ ދިއްކޮއްލިއެވެ. ...
''ބޭނުން ނަމްބަރަކަށް ގުޅާފަ ބުނެލާ.... އެކަމަކު އަހަރެންގެ ވަރަށް ބޮޑު އެދުމެއް އަހަރެންނާއެކު ޒާރާ، ގެއާ ހިސާބަށް ދިއުން... ޕްލީސް ޓްރަސްޓް މީ... ދެރަގޮތެއް ނުހަދާނަން ..... ޕްރޮމިސް...،، ޒުވާނާ އާދޭހުގެ ރާގުގައި ބުނެލިއެވެ. ޒާރާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ހާޤީޤަތުގައި ޒާރާއަށް ދިމާވި ކަންތަކުން ޒާރާ ސަލާމަތް ވުމުގެ ސަބަބަކަށް ވީ އެ ޒުވާނާއެވެ.
''އެންމެ ރަނގަޅު....'' ޒާރާ ޖަވާބު ދިން އިރުވެސް ޒުވާނާ ހުރީ އޭނާގެ ފޯނު ޒާރާއަށް ދިއްކޮށްގެނެވެ.
''ފޯނު...........'' ޒުވާނާ ދެވަނަ ފަހަރަށް ބުނެލުމުން ޒާރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.
ޒާރާ ކޮރުޖަހަމުން ހޮސްޕިޓަލުން ބޭރަށް ނިކުމެވުނު އިރުވެސް ވާރޭ ކަނިޖަހައެވެ.
''ވެހިކަލް މިވަގުތަކު ނެތް.... ޑިއުޓީ ނިމިގެން އޭރު ސައިކު ނަގަން ދަނިކޮށް އެކަންތައް ދިމާވީ... އެހެންވެ ވެހިކަލް ފޮނުވާލާފަ މިއައީ ސައިކަލުގަ.....އޯކޭތަ..." ޒުވާނާ ކުޑަކޮށް ގުދުވެލަމުން ޒާރާގެ މޫނަށް ބަލާލިއެވެ.
ނުވެސް ދަންނަ މީހަކާއެކު ސައިކަލުގައި ދާންވުމުން ޒާރާ ފަސްޖެހުނެވެ. މީހަކަށް ފެނިއްޖެއްޔާ ޒާރާ އާ ބެހޭގޮތުންވެސް އެހެންކުދިންނޭ ކިޔައިގެން ދާއްކާ ކަހަލަ ވާހަކަތައް ފެތުރޭނެކަން އޭނާއަށް އެނގެއެވެ. ޒާރާ ސިހިގެންދިޔައީ ޒުވާނާ ސައިކަލުގައި އައިސް ޒާރާގެ ގާތަށް މަޑުކޮށްލުމުންނެވެ.
''ޒާރާ ގެ ނަން އަހަންނަށް އެނގުނު ގޮތެއް ނާހާނަންތަ؟''.... ޒުވާނާ ހަދިޔާކޮށްލި ހިނިތުންވުން ނުހަނު އަސަރުގަދައެވެ. ލަދުވެތި ކަމުގެސަބަބުން އޭނާ ޒާރާއަށް އިސްޖަހާލެވުނެވެ. ސުވާލު ކުރަން ބޭނުން ނަމަވެސް ތުންފަތް އިޚްތިޔާރު ކުރީ ހަމަހިމޭންކަމެވެ.
''ޒާރާގެ ނަން އަހަރެންނަށް އެނގުނީ ދަބަސް ވޮލެޓްގައި އޮތް އައިޑީ ކާޑުން..... ޑޮކްޓަރަށް ދެއްކުމަށް ކާޑުބޭނުންވާނެތީ ވޮލެޓް ބަލަން މަޖުބޫރުވީ..... ހިތްބުރަ ނުކުރާތި''.....
''އަހަރެން ގެ ނަން ބުނާކަށް ނުޖެހޭނެހެން ހީވަނީ،.... އެކަމަކުވެސް ބުނާހިތްވޭ....''އަހަރެންގެ ނަމަކީ އާދިލް..'' ޒުވާނާ ލައިގެން އިން ޔުނިފޯމުގެ މޭމަތީގައި ހުރި ނަންޓެގްކޮޅަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
ޒާރާ އެވަރަށް އެކަމަށް ސަމާލުކަން ދެވިފައި ނެތުމުން ޒުވާނާގެ ނަމަކަށް ނުބެލުނެވެ. އެ ޒުވާނާއާއި ދިމާލަށް އަދި އެންމެ ފަހަރަކުވެސް ރަނގަޅަށް ބަލާނުލެވޭއިރު، ޔުނިފޯމުގައި އިން ނަން ޓެގް ކިޔާނީ ކިހިނެއް ހެއްޔެވެ.
''ޒާރާ..... އަރާބަލަ ދެން..... މިތާ މިހެންތިބީމާ މީހުން ބަލާނެ......'' އާދިލްގެ ގެ އޯގާތެރިކަމަށް ހިތާހިތުން ޒާރާއަށް ތައުރީފް ކުރެވުނެވެ. އާދިލް އެބުނީ ތެދެކެވެ. މިތާތިބީމާ ޒާރާ ދަންނަ މީހަކަށްވެސް ފެނިދާނެއެވެ. އަނެއްކޮޅުން، ފައިގެ ރިހުން ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. ސައިލަށް އެރުން ނޫންގޮތެއް އެވަގުތަށް ނެތްކަމަށް ނިންމާ އެއްއަރިމަތިން ސައިލަށް އަރަން ޒާރާ މަސައްކަތް ކުރިއެވެ. ރަނގަޅަށް ފައި ނޭޅޭތީ ތަނެއްގައި ނުހިފަހައްޓާ ސައިކަލުގައި އިށީންނާނެ ގޮތެއް ޒާރާ އަކަށް ނޭގުނެވެ.
ޒާރާއަށް އެކަމުގައިވެސް އެހީވެދިނީ އާދިލް އެވެ. އާދިލްގެ އެހީގައި ސައިކަލުގައި އޭނާއަށް އިށީދެވުނެވެ. އެއްއަރިމައްޗަށްވާގޮތަށެވެ.
''ނުވެއްޓޭތި އިނގޭ'' ބަންޕަރުތަކަށް އަރާއިރު ވިސްނައިގެން އިންނާތި... '' ކުޑަކުއްޖަކަށް ވިސްނާފަދައިން އާދިލް އެބުނި އެއްޗަކާ ދޭތެރޭ ޒާރާއަށް ވިސްނާލެވުނެވެ.
ހިފަހައްޓާނީ ކޮންތާކު ހެއްޔެވެ؟ އެއްއަތުގައި ދަބަސް އޮތުމުން އިތުރަށް އުދަގޫވިއެވެ. އާދިލް ގައިގައި އަތްލާކަށް ޒާރާއަކަށް ނުކެރޭނެއެވެ. ވިސްނަން މާ ގިނައިރުތަކަކެއް ނުލިބުނެވެ. ސައިކަލު ދުއްވާ ލުމާއެކު ހަށިގަޑު ބެލެންސް ކުރަން ޖެހުނު ފުރަމަ ލޮޅުން ސައިކަލު އިޚްތިޔާރު ކުރިވަގުތު ބޭ އިޚްތިޔާރުގައި ޒާރާގެ އަތުން އާދިލްގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް