''މިރޭ ކޮން ގަނޑެއް ގަންނަން ދޮރު ތަޅުލައިގެން ތިއޮތީ.....މިހާގިނަ ސާމާނު ދެއަތުން ހިފައިން އައިސް އަދި މަވީ މަނިކުފާނު ދޮރު ހުޅުވާތޯ އިންތިޒާރު ކުރަންތަ....... .'' ނާޒިމާގެ ފުރަތަމަ ހަމަލާ ފޮނުވާލިއެވެ. ހާމިދުގެ މޭގާ އަޅާ ކޮއްޕާލަމުން، އެތެރެއަށް ވަދެ ދެއަތް ފުރެންދެން ހުރި ސާމާނުތައް އެނދުމައްޗަށް އޮއްސާލިއެވެ.
ނާޒިމާ ލޯއަޅާލިގޮތުން ހަނގުރާމަ ގަދަވާނެ ވަރު ހާމިދަށް އަންދާޒާ ކުރެވުމާއެކު ހިތްވަރު ކޮށްފައި ކުރިއަށް ޖެހި ނާޒިމާގެ އަތުގައި ހިފާލިއެވެ.
މެންދަމުން އަލިވެ ދެ ގަޑި ބައި ވުމާ ގާތްވި އިރުވެސް ޒާރާގެ ލޮލަކަށް ނިންޖެއް ނައެވެ. ގިނައިރުތަކެއް ވަންދެން ރުއިމުގެ ސަބަބުން ޒާރާގެ ރީތި ދެލޯ ވަނީ ދުޅަވެ، ރަތް ވެފައެވެ. ޒާރާގެ ސިނކުޑީގައި އެނބުރެމުންދާ އެތައްބައިވަރު ޚިޔާލު ތަކެއްގެ ސަބަބުން ބޯ ހާސްވަނީއެވެ. ހިތާ ކުރެވޭ އެއްވެސް ސުވާލަކަށް އޭނާއަށް އެއްވެސް ޖަވާބެއް ނުހޯދުނެވެ. ސަރީފާއްތަ އަކީ ކާކު ހެއްޔެވެ. އެބުނާ އަލިބެ އަކާއި ސަރީފާއްތަ އެހާ މުހިންމު ބަޔަކަށް ވީ ކީއްވެ ބާވައެވެ. ޒާރާ ވެސް މާލޭން އެ އައީ ދެ އަހަރު ކޮށްފައެވެ. މަންމަ އާއި ޒާރާ ބައްދަލު ނުވާތާ އަހަރެއް ވެފައިވީ ނަމަވެސް ޒާރާ ދެކެން މަންމަ ގޭގައި މަޑުކޮށްލުމަށް ވުރެ ސަރީފާއްތަ ދެކިލުން، މަންމަ އަށް މުހިންމުވީ ކީއްވެ ހެއްޔެވެ؟ ޒައިދު ގެ ބެޑްރޫމް ސެޓް ބަދަލު ނުކޮށް ޒާރާގެ ބެޑްރޫމަށް މިފަދަ އަގުބޮޑު ސާމަނު ވެއްދި ވެއްދުމާމެދު ޒާރާ ކަންބޮޑުވެއެވެ. އެފަދަ ގޮތަކަށް މީގެ ކުރީގައި ޒާރާ އާމެދު މަންމަ ކަންތައް ކޮއްފައެއް ނުވެއެވެ. ޒާރާގެ ބޮލުގައި ރިއްސަން ފެށިއެވެ.
ހިތުގައިވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި އާދިލް އަށް ގުޅާލަން ޒާރާ ބޭނުންވިއެވެ. ނަމަވެސް ރޮއިރޮއި އަޑު ބެދިފައިވުމުގެ ސަބަބުން އެކަންވެސް ކުރެވޭކަށް ނެތެވެ. އާދިލް އަށް ޒާރާ ދެރަވެފައި ހުރިކަން އެގިއްޖެއްޔާ ވަރަށް ދެރަވާނެއެވެ. އާދިލް ދެރަވާވަރު ކަމެއް ކުރުމަށް ޒާރާ ހިތައްވެސް ނާރުވާނެއެވެ. ލޯތްބަކީ ކިހާ ބާރުގަދަ އިހްސާސެއްކަން އެނގޭނީ، ތެދުވެރި ލޯތްބެއް އެހިތެއްގައި ވިންދު ޖަހަމުންދާ ދެ ހިތަކަށެވެ. އާދިލް އާއެކު ވޭތުވެ ދިޔަ ދެ އަހަރު ދުވަސް ހޭދަކުރެވުނީ ނުހަނު ހިތްހަމަޖެހުމާ އުފަލުގައެވެ. އާދިލްއާ ޒާރާ ދިމާވި ހާދިސާއަކީ ޒާރާގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ. ޒާރާގެ ހަޔާތުގައި ލޯބީގެ ކުލަ ޖެހުނު ސަފްހާ ހުޅުވާދިނީ އާދިލް އެވެ. ޒާރާގެ ކުރިމަތިން މީގެ ދެތިން އަހަރުކުރީގެ މަންޒަރުތައް ޚިޔާލީ ސްކްރީންގައި ނިއުޅިގެންފިއެވެ.
އެރެއަކީ ޔުނިވާސިޓީއަށް ދިއުމަށްޓަކައި ޒާރާ ތައްޔާރުވަމުން ދިޔަރެއެކެވެ. ރެއަކީ ޓެސްޓެއް އޮންނަ ރެއަކަށްވުމާއެކު އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. ކުލާހަށް ގަޑި ނުޖެހި ދިއުމަށް ޒާރާ އަބަދުވެސް ސަމާލުކަން ދެއެވެ. މެންދުރުފަހު ގިނަވަގުތުތަކެއް ފިލާވަޅު ދަސްކުރުމުގައި ހޭދަކުރެވުނުކަމުން ވަރުބަލިކަން އިހްސާސްކުރެވި، އިރުއޮއްސުމާ ގާތްވެފައި ވަނިކޮށް ޒާރާއަށް ނިދުނީއެވެ. ހޭލެވުނުއިރު ގަޑި ކައިރިވެފައިވާތީ ވަރަށް އަވަސްކޮށްލައިގެން ތިރިއަށް ފޭބިއެވެ. އޭރު ގަޑިޖެހެން ފަނަރަ މިނެޓަށް ވެއްޖެއެވެ.
އުޑަމަތީގައި ވިލާބޯވެ، ދެންމެ ދެންމެ ވާރޭ އޮއްސާލާފާނެހެން ހީވާތީ ޒާރާ ޓެކްސީއެއް ފެނޭތޯ ދުރުދުރަށް ދާންދެން ހޯދާލިއެވެ. މާލޭގެ މަގުތަކުގެ ބާރުބޮޑުކަމުން ޓެކްސީއަކަށް އެރިޔަސް ވަކި އަވަހެއް ނުވާނެޔޭ ހިތާ، މަގުގެ އެއްފަރާތުން ހިނގައިގަތީ ޔުނިވާސިޓީއަށް ދެވެން އޮންނަ އެންމެ އަވަސް މަގުން ދިއުމަށެވެ. އަވަސް އަރުވާލާފައި ހުރި ވަރުން އިރުއިރުކޮޅުން، އަތުކުރީއޮތް ގަޑިއަށް ބެލުން ނޫންކަމެއް ޒާރާ އަކަށް ނުކުރެވެއެވެ. މަގުމަތީގައި ތޮއްޖެހިފައިވާ ދުއްވާ އެއްޗިއްސާއި ދެކޮޅަށް ހިނގާ މީހުނަށް ފަރުވާލެއްނެތި ފިޔަވަޅުތައް އަވަސްކޮށްލީ ގަޑިން އަށެއް ޖެހުމާ ގާތްވަމުން ދާތީއެވެ.
ކުއްލިއަކަށް ވާރޭ އޮއްސާލައިފިއެވެ. މަގުމަތީގައި ހިނގަމުން ދިޔަ މީހުންތައް އެއްކައިރިއަށް ޖެހި އަސްކަންޏެއްގެ ހިމާޔަތް ނަމަވެސް ލިބޭތޯ ބަލަން އަވަސްވެގަތެވެ. ދަބަހާއި ފޮތްތައް ތެމިދާނެތީ އެންމެ ކައިރީގައިހުރި ފިހާރަ ތެރެއަށް ދެމިގަންނަން މަސައްކަތް ކުރުމުގެ ތެރޭގައި، ޒާރާގެ ބޫޓުގެ ފުންނާބު ތާށިވީ ފިހާރަ ދޮރުމަތީގައި އަޅާފައިވާ ޕެލެޓް ގަނޑުގެ ދެފިލާ ދޭތަރޭގައެވެ. ބޫޓުކިބަ ފައިން ދޫވުމާއެކު ހަށިގަނޑު ބެލެންސް ނުކުރެވިގެން އަރިއަޅާލައިގެން ޒާރާ ވެއްޓުނީ އެވެ. އަތުގައިވާ ފޮތްތަކާއި ދަބަސް ބުރައިގެން ގޮސް ވާރޭގެ ތެރެއަށް ގެނބެމުންދާންފެށިއެވެ.
ޒާރާ އަކަށް ނުތެދުވެވުނެވެ. ފައިގެ ކުޅަހުޅަށް އެރި ތަދާއެކު ފައިތިލަ ހަލުވާވެސް ނުލެވުނެވެ. ވީތަދުގެ އިތުރުން އެންމެންގެ ތެރެއަށް އެގޮތަށް ވެއްޓުމުން، ލަދުގަނެ ޒާރާއަށް ރޮވިއްޖެއެވެ. ކައިރީގައިތިބި ދެތިން އަންހެންކުދިންގެ ހުނުމުގެ އަޑު ޒާރާއަށް އިވުނުހެން ހީވިއެވެ. ޒާތަކަށް ތިބި ޒުވާން ދެތިން ފިރިހެނުން ޒާރާގެ ކައިރިއަށް ޖެހިލިއެވެ.
''މަންޖޭ..... ކިހިނެއް ތިޔަ ހެދީ.... ހިނގާދާން އަހަރެމެން ހޮސްޕިޓަލަށް ވައްޓާލަދީފާނަން.... '' އެތަނުން އެކަކު ޒާރާއާ ނިކަން ގާތްވެލަމުން އަތުގައި ހިފާލިއެވެ.
''ވާއޮ... މަންޖެ ހާދަ ލޯތްބޭ......" ދެންހުރި މީހާ ޒާރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އޭނާގެ މޫނު ޒާރާގެ މޫނާ ގާތް ކޮށްލިއެވެ. އަނދިރީގެ ތެރެއިން އޭނާގެ މޫނު ސާފުކޮށް ނުފެނުނަމަވެސް ރޯނުފަށްތަކެއްހެން އޮޅާ، ދިގުކޮށްފައިވާ އިސްތަށިގަނޑާއި އަތުގައި އަޅާފައިވާ އެކި ޒާތުގެ ފަށްތަކާ މިނާފަތިތައް ޒާރާއަށް ފާހަގަކުރެވުނެވެ. ހިތަށް ބިރުވެރިކަން ވެރިވީ މިޒާތުގެ ޒުވާނުންގެ ގޮތާއި ފޮތް އޭނާއަށް ރަނގަޅަށް އެނގޭތީއެވެ. ޒާރާގެ މޫނާ ދިމާއަށް ގުދުވެގެން ހެވިފައި އޮތް މީހާގެ އަނގައިން ބޭރުވެގެންދިޔަ ބަސްތަކާއެކު ޒާރާގެ މޫނަށް އެޅުނު ނޭވާއިން ދުވި ނުބައިވަހެއްގެ ސަބަބުން ނޭވާ ކުރުވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި އަތުން ޖަހާ އޭނާގެ އަތް ދުރަށް ފޮޅުވާލިއެވެ.
''މަންޖޭ ... އަދިވެސް ތިއުޅެނީ ގަދަ ދައްކަންތަ....ކީއްވެ ޖެހީ... ކީއްވެހޭ ޖެހީ.....'' ތިންވަނަ މީހާ ޒާރާގެ އަތުގައި ހިފާ ދަމައިގަންނަމުން ހަޅޭލަވައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް