މަންމަ އާއި ބައްޕަގެ ސައިކަލުގައި ރޯކޮށްލުމުން، ކުޑަކުޑަ މި ދެކުދިންގެ ހިތުގައި އެތައް ސުވާލުތަކެއް !

މިއީ ލ. ގަމު މަތިމަރަދޫ އަވަށުގައި ރޭ ހިނގާދިޔަ ހާދިސާ އެކެވެ. ގެއެއްގެ ގަރާޖުގެ ތެރޭގައި ބަހައްޓާފައި ހުރި ތިން ސައިކަލެއްގައި ބަޔަކު ރޯކޮށްލީ އެވެ. ހާދިސާގައި ތިން ސައިކަލުވެސް ބޭނުން ނުކުރެވޭ ވަރަށ...

14 May 2017 | 12:04

މިއީ ލ. ގަމު މަތިމަރަދޫ އަވަށުގައި ރޭ ހިނގާދިޔަ ހާދިސާ އެކެވެ. ގެއެއްގެ ގަރާޖުގެ ތެރޭގައި ބަހައްޓާފައި ހުރި ތިން ސައިކަލެއްގައި ބަޔަކު ރޯކޮށްލީ އެވެ. ހާދިސާގައި ތިން ސައިކަލުވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވީ އެވެ. މި ހަބަރު މީޑިއާތަކަށްވެސް މިއަދު އަރައިފި އެވެ. އަދި ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް ދައުރު ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި މި ހާދިސާގެ ފޮޓޯ ދައުރުވަމުން އަންނައިރު އެއް ފޮޓޯއިން އެ ފެންނަނީ ކުޑަ ދެ ކުއްޖަކު، އަނދާ ހުލިވެފައިވާ އެ ސައިކަލުތަކަށް ބަލަހައްޓައިގެން ތިބި މަންޒަރެވެ. އެ ކުޑަ ދެކުދިން ބަލަން އެތިބީ ރެއާއި ހަމައަށް އެ ކުދީންގެ މަންމަ އަދި އަދި ބައްޕަ އަދި ދޮންބެއާއެކުގައި ސްކޫލަށް ކިޔަވަން ދިއުމާއި ދުއްވާލަން ދިއުމުގައި ބޭނުންކުރި ސައިކަލު ތަކެވެ.

އެއް ކުއްޖެއްގެ ނަމަކީ ޝައިހާން އެވެ. އުމުރަކީ 9 އަހަރެވެ. އަނެއް ކުއްޖާގެ ނަމަކީ ޝަމްހާން އެވެ. އުމުރަކީ އެންމެ 7 އަހަރެވެ. ދެ ކުދީންގެ ކުރިމަތީގައި އަނދާ ހުލިވެފައިވާ ތިން ސައިކަލަކީ އެކުދިންގެ މަންމަގެ ސައިކަލާއި ބައްޕަގެ ސައިކަލުގެ އިތުރުން ދޮންބެގެ ސައިކަލެވެ.

އެނގޭހެއްޔެވެ. ! އެ ފޮޓޯ ނަގާފައި އެވަނީ ހެނދުނުގެ ވަގުތެއްގަ އެވެ. ހާދިސާ ހިނގީ ރޭގަނޑު 3:15 ހާއިރުގަ އެވެ. އޭރުއްސުރެ އެ ދެކުދީން އެތިބީ ނުނިދަ އެވެ. ހާދިސާ ހިނގާދިޔަ ގޮތުން އެކުދީންނަށްވެސް ހޭލަން، ތެދުވަން މަޖުބޫރު ވީއެވެ. އަދި އަލިފާންގަނޑު ނިއްވާލުމުގައި ފުލުހުންނާއި އެކުދީންގެ ބައްޕަ ހަރަކާތްތެރިވަމުންދިޔަ ގޮތް އެ ދެކުދީންވެސް ތިބީ ބަލާށެވެ.

"އެންމެ ފަހުން ސައިކަލު ގަރާޖަށް ވެއްދީ އަހަރެން، އެއީ ރޭގަނޑު 11 ހާއިރު، ދެ ދަރިންނާއެކު ދެމަފިރިން ނިދާފައިތިއްބާ އަޑުތަކެއް އިވެންފެށީ 3:00 ހާއިރު، ފުރަތަމަ ހީކުރީ ފުރާޅުމައްޗަށް ގާއުކަނީ ކަމަށް، ނިކުމެ ބަލާލި އިރު ފެނުނީ ސައިކަލު ތަކުގައި އަލިފާން ރޯކޮށްލާފައި ހުއްޓާ" އެ ހާދިސާ، އެ ދެ ކުދިންގެ ބައްޕަ އިމާދު، ދުވަހަށް ކިޔާދިދިނެވެ.

އިމާދު ބުނީ އެ ދެކުދިންނަށް ގޮވާ، އެ ދެކުދިން ކޮޓަރިން ނެރުމަށް އޭނާގެ އަންހެނުންގާތު ބުނަން ޖެހުނީ ސައިކަލުގައި ރޯކޮށްލާފައިވާ އަލިފާނުން ގަރާޖުގައި ރޯވެ،  ކޮޓަރިއަށްވެސް އަލިފާނުގެ އަސަރު ފޯރަފާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

"އޭރު ކޮޓަރީގެ ބޭރުން ފުރާޅު ކައިރިން ލަކުޑިބައެއްގައި އަލިފާން ރޯވެފައި ހުރި" އޭނާ ބުންޏެވެ.

ސައިކަލު ތަކުގައި ރޯކޮށްލި އަލިފާން ނިއްވާލީ ފުލުހުންނާއި އިމާދުމެން ކުރި މަސައްކަތުންނެވެ. އަނދާ ހުލިވެ ދިޔަ ތިން ސައިކަލުގެ އަގު ގާތްގަނޑަކަށް ދެ ލައްކައަށް އަރާނެކަމުގައި ބެލެވެ އެވެ.

ފޮޓޯއިން އެ ފެންނަ ދެކުދިން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މަންމައާއި ބައްޕައަށް ކުރަނީ ހިތްދަތި ސުވާލުތަކެވެ.

"ސްކޫލަށް ދާން ތައްޔާރުވެފަ ދެކުދިންވެސް އަހަނީ ކިހިނެއްހޭ މިއަދު ދެން ސްކޫލަށް ދާނީ، ޖަވާބުގައި އެ ކުދިންގެ މަންމަ ބުނީ ހިނގާފައޭ" އެ ކުދިންގެ ބައްޕަ ބުންޏެވެ. އެ ދެކުދީން ކިޔަވަންދާ ސްކޫލު އެއީ އެ އަވަށުގައި ހުންނަ ސްކޫލެއް ކަމުން ދެ ދަރިން ގޮވައިގެން ހިނގާފައި ދިއުން އެއީ ހިތްވަރު ހުރި މަންމައަކަށް މާ ބޮޑު ކަމަކަށް ނުވެދާނެ އެވެ.  ނަމަވެސް އެ ކުދިންގެ މަންމަ ވަޒީފާ އަދާކުރަމުން އަންނަނީ ޖެހިގެން އޮންނަ އަވަށުގައި ހުންނަ ސްކޫލެއްގައި ކަމުން ކޮންމެ ދުވަހަކު ވަޒީފާއަށް ދިއުމަށް ބޭނުންކުރި ސައިކަލު އަނދާ އަޅިއަށްވުމުން ގައިމުވެސް އަސަރު ކުރާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އިއްޔެ އަކީ އެ ކުދިންގެ މަންމަގެ އުފަން ދުވަސް ކަމުގައިވާއިރު އަދި މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަމުން އަންނަ ބައިނަލް އަގްވާމީ މަންމައިންގެ ދުވަސް ކަމުގައިވާއިރު މިއަދު އެ މަންމައަށް ޖެހިފައި އެވަނީ ދެ ދަރިންގެ ލޯ ކުރިމަތީގައި ހިނގާދިޔަ ހާދިސާއަކުން އެ ދެކުދީންނަށް ކޮށްފައިވާ އަސަރާއި ގުޅިގެން ކުރަމުން އަންނަ ހިތްދަތި ސުވާލު ތަކަށް ޖަވާބު ދޭށެވެ.

މިފަދަ ހާދިސާތަކަކީ މަދުން ނަމަވެސް އަހަރެމެންގެ މުޖްތަމައު ތަކުގައި ހިނގަމުން އަންނަ ހާދިސާ ތަކެކެވެ. އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު "ގައްޑާ" ވުމުގެ ނިޔަތުގައި ނުވަތަ ބަޔަކަށް "ލަނޑެއް" ދިނުމުގެ ނިޔަތުގައި މިފަދަ ނުބައި ކަންތައްތައް ކުރަނީ ވިސްނާލުމެއް ނެތި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް