މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާޞުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން އިލެކްޝަންސް ކޮމިޝަނުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އީސީން ބުނީ ދާއިމީ ނަތީޖާ ވަރަށް އަވަހަށް އިއުލާނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު ދާއިމީ ނަތީޖާ އިއުލާނު ކުރާނީ އިންތިހާބާއި ގުޅިގެން ހުށަހެޅުނު ހުރިހާ ޝަކުވާތަކަކަށް ޖަވާބުދީފައި ކަމަށެވެ.
ކައުންސިލް އިންތިހާބާއި ގުޅިގެން 74 ޝަކުވާއެއް ގައުމީ ކޮމްޕްލެއިންސް ބިއުރީއަށް ހުށަހެޅުނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ކައުންސިލް އިންތިހާބުގެ އެންމެ ގިނަ ގޮނޑި ލިބިފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް 305 ގޮނޑި ލިބިފައިވާއިރު ވެރިކަން ކުރާ ޕީޕީއެމްއަށް ލިބިފައިވަނީ 191 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓުން 101 ގޮނޑި ކާމިޔާބު ކުރި އިރު ޖޭޕީން 20 ގޮނޑި އަދި އެމްޑީއޭއިން 19 ގޮނޑި ކާމިޔާބު ކުރި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ދާއިރާއެއްގައި އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން ޖެހެ އެވެ. އެއީ ހދ. ކުރިނބީ ރަށު ކައުންސިލާއި ށ. ކޮމަންޑޫ ރަށު ކައުންސިލްގައި އެވެ.
މި ދެ ރަށުގެ ދެވަނަ ބުރު ބާއްވާނެ ދުވަހެއް އީސީން އަދި އިއުލާނެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް