ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ބިސް، އަލުވި އަދި ފިޔާ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ އަގުތައް ކަނޑައަޅައިފި އެވެ.
އެ ތިން ބާވަތް އަގުހެޔޮކޮށް ވިއްކަން ފެށީ އިއްޔެއިން ފެށިގެން ނެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަލުވި ބަސްތާއެއް 220 ރުފިޔާއަށް އަދި ބިސް ކޭހެއް ވިއްކާނީ 270 ރުފިޔާއަށް ކަމަށެވެ. ވަކިން ބިހެއް ވިއްކަނީ ދޮޅު ރުފިޔާ އަށެވެ. އަލުވި ކިލޯއެއް ވިއްކާނީ 10 ރުފިޔާ އަށެވެ. ފިޔާ ބަސްތާއެއް 170 ރުފިޔާއަށް ވިއްކާއިރު ފިޔާ ކިލޯއެއް ވިއްކާނީ އަށް ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނީ އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިތަކެތި އަގު ހެޔޮކޮށް ވިއްކާނީ އެސްޓީއޯ ސުޕަމާޓު ހޯލްސޭލް ސެންޓަރުން ކަމަށެވެ. ހޯލް ސޭލް ސެންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 8:30 ން 12:30 ށް އަދި މެންދުރު ފަހު 1:00 ން ހަވީރު 5:00 އަށެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިޔާ، އަލުވި އަދި ބިސް ވިއްކާނީ އެސްޓީއޯ ދެ ނަމްބަރު ކޮށިން ނެވެ. އެ ތަން ހުޅުވިފަ ހުންނާނީ ހުކުރު ދުވަސް ފިޔާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ހަވީރު 4:00 އަށެވެ. ރޯދަމަހު ހުޅުވިފއި ހުންނާނީ ހުކުރު ދުވަސް ފިޔާ ކޮންމެ ދުވަހެއްގެ ހެނުނު 10:00 ން މެންދުރު ފަހު 3:00 އަށެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ އައުޓްލެޓްތަކުން ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށް ލިބޭނެ އެވެ. މީގެ އިތުރުން އެސްޓިއޯއިން ޕާޓްނާޝިޕް ހަދާފައިވާ އަމިއްލަ ތަންތަނުންވެސް މި އަގުގައި ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ރޯދައާއި ދިމާކޮށް ބިސް ކޭހެއް ވިއްކީ 275 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކި އިރު ފިޔާ ބަސްތާއެއް ވިއްކީ 160 ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް