މި މަހުގެ އެކެއްގައި މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ހައި ކޯޓުން އެގޮތަށް އަމުރުކުރީ، އަމީން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުންނެވެ. އަމީން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ވަނީ ބާތިލް ކޮށްފަ އެވެ.
އަމީންގެ އިތުރުން މުޒާހަރާގައި، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބަންދުކުރި މައްސަލަ ވެސް ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަތަކުގެ ހުކުމް އިއްވުން މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
އަލީ ވަހީދާއި އިމްރާން ވެސް ބަންދުކުރީ 15 ދުވަހުގެ މުއްދަތަކަށެވެ. އެ ތިން ބޭފުޅުންގެ ވެސް ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށެވެ.
މީގެ ކުރިން ހައިކޯޓުން ވަނީ މުޒާހަރާއެއްގައި ހައްޔަރު ކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްވެސް ބާތިލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް