ނަޝީދާއި އަލީ ވަހީދު ބައިވެރިވާގޮތަށް ރައީސާ އެކު މަޝްވަރާ ކުރަން ތައްޔާރު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން އަލީ ވަހީދަށް ބައިވެރިވެވޭނަމަ ސީދާ ރައީސް އަބްދުﷲ ޔާމީނާއި މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީގެ އޮފީހުގައި މިއަ...

14 May 2015 | 09:50

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން އަލީ ވަހީދަށް ބައިވެރިވެވޭނަމަ ސީދާ ރައީސް އަބްދުﷲ ޔާމީނާއި މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި އެކު ރައީސް ޔާމީން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނަވާނަމަ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެމްޑީޕީން މަޝްވަރާތަކުގައި ބައިވެރިވެވޭނީ އެ ޕާޓީޣެ އެންމެ އިސް ދެ ލީޑަރުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މަޝްވަރާ ކުރައްވަން ބޭނުންފުޅުވެ ވަޑައިގެން އެމްޑީޕީއަށް އަދި އަންގާފައިނުވާ ކަމަށާއި އެ މަޝްވަރާތަކާއި ގުޅޭގޮތުން މައުލޫމާތު ލިބެނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ.

ޝިފާޒު ވިދާޅުވީ މަޝްވަރާގެ މަގު އިހުތިޔާރު ކުރަންޖެހޭ ކަމަށާއި އެއްވެސް ރައްޔިތަކު އަބަދު މުޒާހަރާކޮށް މަގުމަތީގައި ހަޅުތާލު ކުރަން ނޭދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް ވެރިކަމުގައި ހުންނަވާނަމަ ރައްޔިތުން އެ ދައްކަނީ ކިހާވަރެއްގެ ވާހަކައެއްތޯ ބަލަން ޖެހޭނެ ކަމަށެވެ.

"ރައްޔިތުން އެ ދައްކާ ވާހަކައަކީ ކިހާވަރެއްގެ ވާހަކައެއްތޯ އެބަޖެހޭ ބަލަން. މަޝްވަރާ ނުކޮށެއް ނުވާނެ. މަޝްވަރާއަކީ މިކަމުގެ ހައްލަކީވެސް. އަޅުގަނޑުމެން އެއްވެސް ރައްޔިތަކު އެއްވެސް އިންސާނަކު ނޭދޭނެ ހުސް މުޒާހަރާގައި އަބަދު އުޅޭކަށެއް. އަބަދު މަގުމަތީގައި ހަޅުތާލުކުރާކަށެއް. ހަޅުތާލުކުރުމާއި މުޒާހަރާތަކަށް ދާން މިޖެހެނީ ކީއްވެތޯ ބަލަން އެބަޖެހޭ،" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ރައީސް ޔާމިނާއި އެކު މަޝްވަރާ ކުރެވިގެން ނޫނީ މިހާރު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަަމަށެވެެ. ވަޒީރުންނާ މުއައްސަސާތަކުން އެއް މައްސަަލައެއްގައި އެކައްޗެއް ނުކިޔާ ކަމަށާއި އެކަމުން ސަރުކާރުގެ ތެރޭގައި ހިޔާލު ތަފާތުވުން ހުރި މިންވަރު އެނގިގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމިނަށް ވެރިކަމަށް ވަޑައިގެންނެވުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. ނަަމަވެސް މިއަދު އެ ފަރާތްތަކަށާއި ސިޔާސީ ބޭފުޅުންނަށް މިސަރުކާރުން ހަދާފައިވާ ގޮތް ރައްޔިތުންނަށް ސާފުވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމިނާ މަޝްވަރާކުރާ ޓީމުގައި ރައީސް ނަޝީދާއި އަލީ ވަހީދު ހިމެނެންވާނެ ކަމަށް އެމްޑީޕީން ޝަރުތުކުރާއިރު ރައީސް ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށް މާފުށި ޖަލުގަ އެވެ. މޭޑޭގެ މުޒާހަރާއާއި ގުޅިގެން އަލީ ވަހީދު ވެސް މިވަގުތު ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް