ދެ ބިދޭސީއަކު ރަހީނުކޮށް، އެ ދެ މީހުންގެ ގައިގައި ތަޅައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.
އެ މައްސަލައިގަ ފުލުހުްނ ހައްޔަރުކުރީ ބްރެކްސްކޯ ޕްރައިވެޓް ލިމިޓެޑާއި ބިސާޑޯ މޯލްޑިވްސް ކުުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ، ހއ. ކެލާ އާބާދު، ޝައުކަތު އަބްދުﷲ، 34، އެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ބިދޭސީން ރަހީނުކޮށްގެން ގެންގުޅުނު ގ. ފެހިހިރިގޭގައި ހުންނަ، އެ ދެ ކުުންފުނީގެ އޮފީހަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރު ނެތިކަމަށް ބުނެ އެވެ.
ދައުލަތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެމީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާދީފައި އެވެ. ހައިކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހެނީ ބަންދުން ދޫކޮށްލައިފި ނަމަ، ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލުމުގެ ބިރު އޮތުމުން ކަމަށެވެ.
އެ ދެ ބިދޭސީން ސަލާމަތްކޮށް ޝައުކަތު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ.
އެ މައްސަލައިގައި އިތުރު ދިވެހިންތަކަކާއި ބިދޭސީއަކު ވެސް ހިމެނޭ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ފުލުހުން ގެންދަނީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް