ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށްޓަކައި އިދިކޮޅު ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ފައިދާ އަށް މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކުރަން ރައީސް އެދިވަޑައިގެންނެވި ކަމަށެވެ. އެ އިލްތިމާސް މިއަދު އަނެއްކާވެސް ރައީސް ތަކުރާރުކުރައްވައި މަޝްވަރާ އަށް އެދިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ގާނޫނީ އިމުގެ ތެރެއިން ސަރުކާރާ އެކު މަޝްވަރާކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން މީގެ ކުރިން ވެސް ފުރުސަތު ދެއްވި އެވެ. ރައީސްގެ މަންދޫބެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ހޯމް މިނިސްޓަރު އުމަރު ހަމަޖައްސަވައި އޭގެ ފަހުން ސަރުކާރުގެ ފަރާތުން މަޝްވަރާކުރާ މަންދޫބެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވެސް ހަމަޖެއްސެވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އަދި އަދާލަތު ޕާޓީން އެދިގެން ރައީސް ޔާމީން ޝެއިހް އިމްރާނާއި ބައްދަލު ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މެއި އެކެއްގެ މުޒާހަރާ އާއި ގުޅީގެން ޝެއިހް އިމްރާން ހައްޔަރު ކުރިތާ ފަސް މިނިޓް ނުވަނީސް މުއާޒް ވަނީ ދެން ސަރުކާރުންވެސް އަދި ރައީސް ޔާމީންވެސް އިމްރާނާއި އެކު ކުރައްވާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރާ ދެކޮޅަށް މެއި އެކެއް ގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުން ބޭއްވުމުގެ ކުރިން ރައީސް ޔާމީން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ތަކުރާރުކޮށް ގޮވާލެއްވި އެވެ. އެ ގޮވާލެއްވުމަށް ރައްދު ދެއްވައި، ރައީސް ވިދާޅުވީ ގާނޫނީ އިމުން ބޭރުން ސަރުކާރުން ކަންކަން ކުރަން ގޮވާލާ ގޮވާލުންތަކާ ގުޅިގެން މަޝްވަރާނުކުރައްވާނެ ކަމަށެވެ.
އެކަމަކު އޭގެ ފަހުން މަޝްވަރާކުރައްވާނެ ކަން އިއުލާންކުރައްވައި މިނިސްޓަރު އަދީބު ހަމަޖެއްސެވި އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ވަނީ މަޝްވަރާ ކުރަން ބޭޏުންވަނީ އަދީބާއި އެކު ނޫންކަމަށާއި މަޝްވަރާ ކުރަން ބޭނުންވަނީ ރައީސް ޔާމީން އާއި އެކުކަމަށް ބުނެފަ އެވެ.
ރައީސް ޔާމީން އަލުން މަޝްވަރާ އަށް ގޮވާލެއްވިއިރު، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވަނީ މެއި އެކެއްގެ ގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރަން ކޯޓު އަމުރު ނެރެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް