ސުކޫލުތަކަށް ހައިސްޕީޑް އިންޓަނެޓް ދިނުމަށް ދިރާގާ ހަވާލުކޮށްފި

ރާއްޖޭގެ ސްކޫލްތަކަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދިރާގާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައ...

14 May 2015 | 08:01

ރާއްޖޭގެ ސްކޫލްތަކަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދިރާގާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

މިރަސްމިއްޔާތުގައި އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުމުގެ ގޮތުން ދިރާގުން ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން އެ ކުންފުނިން ސްކޫލްތަކަށް ފޯރުކޮށްދޭ އިންޓަނެޓު ޕެކޭޖަކީ ސްކޫލްތަކުގެ ބޭނުމަށް ފަރުމާކޮށްފައިވާ އިންޓަނެޓު ޕެކޭޖުތަކެއް ކަމަށެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ މި ޕެކޭޖުތަކަކީ ހާއްސަ ޑިސްކައުންޓް ރޭޓްތަކެއް ހިމެނޭ ޕެކޭޖު ތަކެއް ކަމަށާއި، އޭގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކުގެ ތަރައްގީ އަށް އެހީއެއްވެ ދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލްތަކަށް ދިރާގުން ފޯރުކޮށްދޭ ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތުގެ ދަށުން މިހާރުގެ އަގަށްވުރެ 50 ޕަސެންޓްވަރު ހެޔޮ އަގުގައި އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި އެންމެ ބޮޑު އަމާޒަކީ އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ އަމާޒު ކަމަށާއި، ދިރާގާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ މަސައްކަތުގައި ވެސް ފައިދާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ދިރާގާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 230 ސްކޫލަކަށް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް